އަބްދުﷲ ޝާހިދު

ކާބުލް އެއާޕޯޓަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި

އަފްޣާނިސްތާނުގެ ކާބުލްގެ އެއަރޕޯޓް ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާ ފޮރިން މިނިސްޓަރު އަދި އަދި އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް ޢަބްދުﷲ ޝާހިދު ކުށްވެރި ކުރައްވައިފި އެވެ.

ކާބުލްގެ އެއަރޕޯޓް ސަރަހައްދުގައި ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ ޒަހަމްވެފައިވާ އިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 85 އަކަށް އަރައިފަ އެވެ. އޭގެ ތެރޭގައި އެމަރިކާ ސިފައިންގެ 13 މީހަކުވެސް ހިމެނެ އެވެ.

އެ ހަމަލާއާ ގުޅިގެން ޝާހިދު ވަނީ މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށާއި، އަފްޣާން ރައްޔިތުންނާއެކުގައިވެސް މުޅި ދުނިޔެ ތެދުވަން ޖެހޭކަމަށެވެ.

އަފްޣާނިސްތާނުގެ ބާރުތައް ކޮންޓްރޯލް ކުރަމުންދާ ތަލިބާން ޖަމާއަތުން ބުނީ ކާބުލް އެއާޕޯޓަށް ދިނީ އެންމެ ހަމަލާއެއް ނޫން ކަމަށާއި އެއާޕޯޓާ އިންވެގެން އޮންނަ ސަރަހައްދުގައި އެތައް ބޮމެއް ގޮއްވާފައިވާ ކަމަށެވެ. އަދި އެ ހަމަލާއާ ތަލިބާނުންނާ ގުޅުމެއް ނެތް ކަމަށެވެ.

އެމެރިކާގެ ރައިސް ޖޯ ބައިޑަން ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބީ އައިސިސް-ކޭ ޓެރަރިސްޓުން ކަމަށެވެ. ބައިޑަން ވިދާޅުވީ އައިސިސް-ކޭ ޓެރަރިސްޓުންނަކީ އަފްޣާންގައި ހަރަކާތްތެރިވާ އައިސިސްއާ ގުޅިގެން ޖާނު ގޮއްވާލައިގެން ހަމަލާދޭ ގުރޫޕެއް ކަމަށެވެ.