މެންޗެސްޓާ ސިޓީގެ ފޯވާޑް ރިޔާދް މަހްރޭޒްގެ ދިރިއުޅުން ހަލާކުކޮށްލީ ސިޓީން ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ރިޓާ ޖޯހަލް ބުނެފި އެވެ.
ރިޓާ އާއި މަހްރޭޒް 2014 ވަނަ އަހަރު ދިމާވިތާ މާގިނަ ދުވަސް ތަކެއް ނުވަނީސް އެމީހުން ވަނީ ކައިވެނި ކޮށްފަ އެވެ. އަދި އެމީހުންގެ އުފާވެރި ހަޔާތް ބަދަލުވެގެން ދިޔައީ މަހްރޭޒް 2018 ވަނަ އަހަރު ސިޓީއަށް ބަދަލުވި ހިސާބުން ކަމަށް ރިޓާ ބުންޏެވެ.
"މަހްރޭޒް ސިޓީއަށް ބަދަލުވި ހިސާބުން އޭނާ އަށް މަޝްހޫރުކަން ލިބެން ފެށި. އެއީ އޭނާ ބަދަލުވާން ފެށި ހިސާބަކީ" ބޭރުގެ ޗެނަލް އަކަށް ދިން އިންޓަވިއު އެއްގައި ރިޓާ ބުންޏެވެ.
އޭނާ ބުނީ މިހާރު މަހްރޭޒް ވަރަށް ގިނައިން ޕާޓީ ކުރާ ކަމަށާއި، އެއީ އޭނާ އާއި ދިމާވިއިރު މަހްރޭޒް އުޅުނު ގޮތް ނޫން ކަމަށެވެ. އަދި މިކަމުގައި މަހްރޭޒް ކުށްވެރި ނުކުރާ ކަމަށް ބުނެ ރިޓާ ބުނީ މަހްރޭޒް ކުއްލި ގޮތަކަށް އޭނާ ދޫކޮށްލީ ސިޓީއަށް ކުޅެން ޖެހުމުން ޕްރެޝަރު ބޮޑުވާ ކަމަށް ބުނެ ކަމަށެވެ.
އުމުރުން 30 އަހަރުގެ މަހްރޭޒް 2018 ވަނަ އަހަރު ސިޓީއަށް ބަދަލުވި ފަހުން އޭނާ ވަނީ އެޓީމަށް 90 މެޗު ކުޅެދީ 28 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
ފުޓްބޯޅައިގެ ހަޔާތުގައި ކޮންމެ ކުޅުންތެރިއެއް ވެސް ހޭދަކުރާނީ މަދު ދުވަސްތަކެއްކަން ފާހަގަކުރަމުން ރިޓާ ބުނީ ކިތަންމެ މަތީ ފަންތީގެ ކްލަބަކަށް ދެވުނު ނަމަވެސް އެމީހަކަށް އަޅާލައި މީހުންނާއި މެދު ވިސްނަންވާނެ ކަމަށެވެ. އެހެން ނޫނީ އޭގެ ހިތި ނަތިޖާ ފަހުން ފެންނާނެ ކަމަށެވެ.
ރިޓާގެ ވާހަކަ ނިންމާލުމުގެ ކުރިން އޭނާ ބުނީ މިފަހުން ސިޓީއަށް ބަދަލުވަން އުޅުނު ޓޮޓެންހަމްގެ ހެރީކޭން އެކްލަބަށް ބަދަލު ނުވުން އެއީ ކޭންގެ އަނބިމީހާގެ ނަސީބު ކަމަށެވެ. އަދި އެހެން ކުޅުންތެރިންގެ އަންހެނުން ވެސް މިކަމަށް ސަމާލުވާން ޖެހޭނެ ކަމަށް ރިޓާ ބުންޏެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކޭން ގެންދިއުމަށް ސިޓީން ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފަ އެވެ. ޓޮޓެންހަމްގައި 244 މެޗު ކުޅެ ކޭން ވަނީ 166 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވެ އެވެ.