ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައިވާ ރަށްތަކުގެ އަދަދު 26 އަށް

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަރާ ފޭބުން މަނާ ކޮށްފައިވާ ރަށްތަކުގެ އަދަދު 26 އަށް އަރައިފި އެވެ.

ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ތިން ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މިދިޔަ އޮގަސްޓު މަހުގައި 21 ރަށެއް އެޗްޕީއޭގެ ލިސްޓަށް ވަނީ އިތުރުވެފަ އެވެ. އެއީ އއ. ހިމަންދޫ، ހދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. ގައްދޫ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ. މުންޑޫ، ށ. މިލަންދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑީތީމު، ހދ. ނޮޅިވަރަން، މ. ވޭވައް، އައްޑޫ ސިޓީގެ ހަތަރު އަވަށެއް (ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ) އަދި ހދ. ނޮޅިވަރަންފަރެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެނިގެން އިއްޔެ ރ. މަޑުއްވަރި ވެސް ބަންދުކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 189 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 81،301 އަށް އަރާފަ އެވެ. އިއްޔެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 35 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 119 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 35 މީހަކު ޕޮޒިޓިވްވެފައިވެ އެެވެ.