ލިއޯންގެ ތަރި ނަބީލް ފެކިރް، އޭނާއަށް ލިވަޕޫލްއަށް ބަދަލު ނުވެވުނު ސަބަބު ކިޔައިދީފި އެވެ.
ފެކިރް ލިވަޕޫލްއަށް ބަދަލުވާން އުޅުނީ މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު އެވެ. ލިވަޕޫލްއިން ވަނީ ފެކިރް ހޯދަން އޭރު މަސައްކަތް ކޮށްފަ އެވެ. އެ އަހަރު އޮތް ވޯލްޑް ކަޕް ފްރާންސުން ކާމިޔާބު ކުރި އިރު، ފެކިރްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ނަމަވެސް ފެކިރްއަށް ލިވަޕޫލަށް ބަދަލު ނުވެވުނީ އޭނާ ހެދި މެޑިކަލް ޓެސްޓު ތަކުން އޭނާގެ ކަކޫ ފިޓް ނޫންވީމާ ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ ރެއާލް ބެޓިސްއަށް ބަދަލުވެފަ އެވެ.
ނޫހަކަށް އިއްޔެ ދިން އިންޓަވިއު އެއްގައި ފެކިރް ބުނީ އޭނާއަށް ލިވަޕޫލަށް ބަދަލު ނުވެވުނީ މެޑިކަލް މައްސަލަ އަކާއި ހުރެ ނޫން ކަމަށެވެ. އަދި ފްރާންސްގެ ފުޓްބޯޅަ ސެންޓަރު ކައިރީގާއި ހުންނަ ކްލެއާފޮންޓެއިން އިން އޭނާގެ މެޑިކަލް ހެދިއިރު، އޭނާގެ ކަކޫ ރަނގަޅު ކަމަށް ވެސް ފެކިރް ބުންޏެވެ.
ފެކިރްއަށް ލިވަޕޫލްއަށް ބަދަލު ނުވެވުމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ އެޖެންޓާއި އެޑްވައިޒަރު ކަމަށް ފެކިރް ބުންޏެވެ. އަދި އެ ޑީލް ކުރިއަށް ނުގެންދެވުމުން ވަރަށް ދެރަވާ ކަމަށާއި ލިވަޕޫލަކީ ވަރަށް މޮޅު ޓީމެއް ކަމަށް ފެކިރް އެ އިންޓަވިއުގައި ފާހަގަ ކުރި އެވެ.
ލިވަޕޫލުން ވަނީ 2018/19 ވަނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޖެހިގެން އައި 2019/20 ވަނަ ސީޒަނަގައި ލިވަޕޫލުން އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބު ކުރި އެވެ. އެހެނަކަމުން ފެކިރްއަށް ލިވަޕޫލަށް ބަދަލު ވެވުނު ނަމަ އޭނާއަށް ވެގެންދާނީ ވަރަށް ކާމިޔާބު ފެށުމަކަށެވެ.
ރެއާލް ބެޓިސްއަށް ބަދަލު ވުމަށްފަހު ފެކިރް ވަނީ 67 މެޗު ކުޅެދީ 12 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި މި ސީޒަނުގައި އޭނާ އަންނަނީ ލަލީގާގައި ކުޅުނު މެޗު ތަކުގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.