ލިވަޕޫލް

އާޖެންޓީނާގެ މިޑްފީލްޑަރު މެކް އެލިސްޓަ ލިވަޕޫލަށް ސޮއިކޮށްފި

އަންނަ ސީޒަނަށް ލިވަޕޫލް ވަރުގަދަކުރުމަށްޓަކައި އާޖެންޓީނާގެ ތަރި މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓަ ލިވަޕޫލަށް ސޮއިކޮށްފި އެވެ.

މެކް އެލިސްޓަ ލިވަޕޫލަށް އިއްޔެ ސޮއިކޮށްފައި މިވަނީ ނިމިދިޔަ ސީޒަންގައި ޕްރެމިއަ ލީގްގެ ބްރައިޓަންގައި މޮޅު ސީޒަނެއް ނިންމާލުމަށްފަހު އެވެ. ބްރައިޓަން އިން މިސީޒަން ނިންމާލިއިރު މެކް އެލިސްޓަ ވަނީ މޮޅު ކުޅުމެއް ކުޅެ 12 ގޯލް ޖަހައި ތިން އެސިސްޓެއްކޮށް ޔޫރޮޕާ ލީގަށް ފުރަތަމަ ފަހަރަށް ޓީމް ކޮލިފައިކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

އިނގިރޭސި ކްލަބް ބްރައިޓަންއަަށް ހަތަރު އަހަރު ކުޅުމަށްފަހު މެކް އެލިސްޓަ، 24، ލިވަޕޫލަށް ސޮއިކޮށްފައިވަނީ 2028ގެ ސީޒަންގެ ނިޔަލަށް 35 މިލިއަން ޕައުންޑްގެ ފީ އަކުން ފެށުމަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ފީގެ އަގު 55 މިލިއަން ޕައުންޑަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގެ މެދުތެރެއަށްވެސް ކުޅޭ މިޑްފިލްޑަރު ވަނީ ނިމިދިޔަ 2022ގެ ވޯލްޑް ކަޕް އާޖެންޓިނާ އުފުލާލިއިރު އެ މުބާރާތުގައި ވަރަށް މޮޅަށް ކުޅެ އެންމެންގެ ލޮލުގައި އަޅައިގެންފަ އެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއްގައި މެކް އެލިސްޓަ ކުޅެ އަދި ޕޮލެންޑް މެޗުން އާޖެންޓީނާ 2-0 އިން މޮޅުވި މެޗްގައި ވަނީ މޮޅު ގޯލެއްވެސް ޖަހާފަ އެވެ.

"މި އަހަރަކީ ވަރަށް އުފާވި އަހަރެއް، ވޯލްޑް ކަޕް ލިބި އަދި ބްރައިޓަން އިން ހޯދި ކާމިޔާބުވެސް. އެކަމަކު މިހާރު މިއީ ލިވަޕޫލް އާއި ދޭތެރޭ ވިސްނާ ޓީމަށް މުހިއްމު ކާމިޔާބު ހޯދައި ދިނުމަށް ކޮންމެ ދުވަހަކުވެސް މޮޅަށް ކުޅެ ރަނގަޅު މީހެއްގެ ގޮތުގައި ދެމިހުރުމުގެ ވަގުތު." ހުނަރުވެރި ކުޅުންތެރިޔާ ބުނެފައިވެ އެވެ.

އަންނަ ސީޒަނަށް ލިވަޕޫލަށް ގެނައުމަށް އިތުރަށް ވާހަކަ ދެކެވުމުންދާ ކުޅުންތެރިންގެ ތެރޭގައި ވުލްވްސްގެ މިޑްފިލްޑަރު މެތަޔަސް ނޫނޭޒް، ފްރެންޗް ލީގްގެ ނީސްގެ ހެފްރިން ތުރާމް އަދި ޖާމަނީގެ ބޮރޫޝިއާ މޮންޗެންގްލަޑްބެޗްގެ މާނޫ ކޯނޭ ހިމެނެ އެވެ.

އާ ކުޅުންތެރިން ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަމުންދާއިރު ޓީމުން މުހިއްމު ކުޅުންތެރިންތަކެއް ދޫކޮށްދާ ކަމަށް ލިވަޕޫލުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލަށް އަށް ސީޒަންގައި ކުޅެދީފައިވާ ޗެމްބަލެއިން، ޖޭމްސް މިލްނަ، ނަބީ ކެއީޓާ އަދި ބްރެޒިލް ތަރި ފިރްމީނިއޯ ހިމެނެ އެވެ.

ލިވަޕޫލުން ޓީމް ބިނާކޮށް ވަރުގަދަ ކުރުމަށް ނިންމާފައި މިވަނީ 2015 އަދި 2016ގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ފައިނަލަށް އެ ޓީމު ކޮލިފައިނުވި ވަގުތެއްގަ އެވެ.