ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީއާއި ބައްދަލު ކުރި މެޗުން މޮޅުވެ މެންޗެސްޓާ ސިޓީއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ ހަތްވަނަ މިނެޓުގައި ނޯވިޗްގެ ކީބަރު ޓިމް ކްރޫލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ގެބްރިއަލް ޖީސުސް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ އަލަށް ޓީމާއި ގުޅުނު ޖެކް ގްރީލިޝް އެވެ. ގްރީލިޝް ސިޓީއާއި ގުޅުނީ 100 މިލިއަން ޕައުންޑަށެވެ. މިއީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ޓީމަކަށް ގެންދިޔަ ފަހަރެވެ.
ސިޓީގެ ބާކީ ތިން ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ ގޯލު ޖަހައިދިނީ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. އޭގެ ފަހުން ގެބްރިއަލް ޖީސުސް ނަގައިދިން ހުރަހަކުން ގޯލު ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ގެބްރިއަލް ވަނީ މި މެޗުގައި ދެގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ. ސިޓީގެ ފަސް ވަނަ ލަނޑަކީ ރުބެން ޑިއާސް ނޯވިޗްގެ އޭރިއާ ތެރެއަށް ވައްޓާލި ޗިޕަކުން ރިޔާދް މަހްރޭޒް ކާމިޔާބު ކުރި ލަނޑެކެވެ.
މި މޮޅާއި އެކު ސިޓީއިން މިހާރު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. މިއީ މި ސީޒަންގައި ސިޓީ މޮޅުވި ފުރަތަމަ މެޗެވެ. ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލެއިސްޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީ ބަލިވީ 1-0 އިންނެވެ. އޭގެ ފަހުން ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް އާއި ވާދަ ކުރި މެޗުން ވެސް ސިޓީ ވަނީ 1-0 އިން ބަލިވެފަ އެވެ.
މެންޗެސްޓާ ސިޓީ އާއި ނޯވިޗް ސިޓީގެ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި އިއްޔެ އިތުރު ފަސް މެޗެއް ކުޅުނެވެ. އެގޮތުން އިއްޔެ ހަވީރު ލިވަޕޫލް އާއި ބާންލޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 އިންނެވެ. މިއާއި އެކު ކުޅުނު ދެމެޗުން މޮޅުވެ ލިވަޕޫލް އޮތީ ހަ ޕޮއިންޓާއި އެކު ލީގުގެ އެއް ވަނައިގަ އެވެ.
އެސްޓަންވިލާ އާއި ނިއުކާސަލް ބައްދަލު ކުރި މެޗުން 2-0 އިން އެސްޓަންވިލާ މޮޅުވި އިރު، ވަޓްފާޑް އަތުން ބްރިޓަން ވެސް މޮޅުވީ 2-0 އިންނެވެ. ކްރިސްޓަލް ޕެލެސް އާއި ބްރެންފާޑް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ލީޑްސް ޔުނައިޓެޑް އާއި އެވަޓަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.