އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން 2-0 އިން ލިވަޕޫލް މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ފަރަގު ބޮޑު ލީޑެއް ލިވަޕޫލަށް މިހާރު ވަނީ ލިބިފަ އެވެ.
ލިވަޕޫލް ވަނީ 27 މެޗުން 64 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ރަނގަޅު ލީޑެއް ނަގާފަ އެވެ. ދެވަނައިގައި އޮތް އާސެނަލަށް 26 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.
މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނެޓުގައި މުހައްމަދު ސަލާހުގެ ވަރުގަދަ ޝޮޓަކުންނެވެ. އޭނާގެ ޝޮޓު ގޯލަށް ވަނީ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭގެ ފައިގައި ޖެހިފަ އެވެ. އެއަށްފަހު ފުރަތަމަ ހާފުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހީ ޑޮމިނިކް ސޮބޮސްލާއި އެވެ. މި ލަނޑުވެސް އައީ ސަލާހުގެ އެހީތެރިކަމާއެކު އެވެ.
މިއީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން، އިއްތިހާދު ސްޓޭޑިއަމްގައި ލީގު މެޗެއްގައި ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި އާނާ ސްލޮޓް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވަނީ މި ނަތީޖާއިންނެވެ.
ލީގުގެ މިހާރުގެ ޕޮއިންޓް ތާވަލުގައި ލިވަޕޫލް އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގަ އެވެ. ނޮޓިންހަމް ފޮރެސްޓް 47 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، މެންޗެސްޓަ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ވަނީ 44 ޕޮއިންޓާއެކު ހަތަރުވަނަ އަދި ފަސްވަނަ ހޯދާފަ އެވެ.