ކުޅިވަރު

ލީގު ރޭހުގައި އާސެނަލަށް އަނެއްކާވެސް ކުރި ލިބިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކަށް ފަހު ލީގުގެ އެއްވަނަ މަގާމުގައި އާސެނަލުން އަނެއްކާވެސް ލީޑު ނަގައިފި އެވެ.

އިއްޔެ އާސެނަލް ވަނީ ރަށުން ބޭރުގައި ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 4-2 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އާސެނަލާ އެކު ލީގަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ފަހުވަގުތު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މިހާރު އާސެނަލް އެއްވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. އާސެނަލް އެއްވަނައިގެ ލީޑުގައި އޮތީ ސިޓީ އަށް ވުރެ އެއްމެޗު މަދުން ކުޅެގެންނެވެ.

ރޭ އާސެނަލް ކޮޅަށް ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސް އާއި ފިލިއްޕޭ ކުޓީނިއޯ އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅެ އާސެނަލުން ވަނީ އޮލެކްސަންޑަ ޒިންޗެންކޯގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާސެނަލް މެޗުން މޮޅުވީ އިތުރު ވަގުތުގައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ތިންވަނަ ގޯލަކީ އެސްޓަން ވިލާގެ ގޯލްކީޕަރު އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އާސެނަލްގެ ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ ގެބްރިއެލް މާޓިނެލީ އެވެ.

ސިޓީ އިން ފޮރެސްޓް ކޮޅަށް ހަމައެކަނި ގޯލު ޖެހީ ބެނާޑޯ ސިލްވާ އެވެ. މެޗުގައި ލީޑު ފުޅާކުރަން ސިޓީ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ސިޓީ ހަނި މޮޅެއް ހޯދަން ދަނިކޮށް ފޮރެސްޓުން އެއްވަރުކުރި ގޯލު ޖެހީ 84 ވަނަ މިނެޓުގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި އެޓީމާ ގުޅުނު ކްރިސް ވުޑް އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 1-0 އިން ބަލިވެފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޖޭމްސް ވޯޑް ޕްރޯސް އެވެ. ޗެލްސީ މިހާރު އޮތީ 31 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. މެޗުން މޮޅުވިޔަސް ސައުތެމްޓަން އޮތީ ފުލުގަ އެވެ. އެކަމަކު އެޓީމުން މިހާރު ވަނީ 18 ޕޮއިންޓް ހަމަކޮށް އެހެން ޓީމުތަކާ ގާތަށް ޖެހިލާފަ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ލިވަޕޫލުން ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އާއި ކޯޑީ ގަކްޕޯ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު ނިކް ޕޯޕް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. އެއީ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުން ކީޕަރަށް ދެއްކި ރަތް ކާޑެކެވެ.

ލިވަޕޫލް ވަނީ 35 ޕޮއިންޓާ އެކު އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފަހަކަށް އައިސް ފޯމު ދަށްވެފައިވާ ނިއުކާސަލް އޮތީ 41 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމް ހޮޓްސްޕާ އަމިއްލަ ދަނޑުގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.