ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި މުހައްމަދު ސަލާހު ޖެހި ލަނޑާއެކު 2-2 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުގައި އާސެނަލަށް ކުރިއެރުން ހޯދައިދިނީ މެޗުގެ ނުވަ ވަނަ މިނެޓުގައި ބުކަޔޯ ސަކާއެވެ. މިއީ ޕްރިމިއާ ލީގުގައި ސަކާ ޖެހި 50 ވަނަ ލަނޑެވެ.
އޭގެ ނުވަ މިނެޓު ފަހުން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ މެޗު އެއްވަރުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ދެ މިނެޓު ކުރިން އާސެނަލްއަށް ލިބުނު ހިލޭ ޖެހުމަކުން މިކޭލް މެރީނޯ ވަނީ އަނެއްކާވެސް އެ ޓީމަށް ކުރިއެރުން ހޯދައިދީފަ އެވެ. މެރީނޯ މި ލަނޑު ޖެހީ ޑެކްލަން ރައިސް ފޮނުވާލި ހިލޭ ޖެހުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލަށް ޖަހާލައިގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލްގެ ކުޅުން ރަނގަޅުވެ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ސަލާ ޖެހި ލަނޑާއެކު މެޗު ނިމުނީ 2-2 އިން އެއްވަރުވެފަ އެވެ.
މި ނަތީޖާއާއެކު ނުވަ މެޗުން 22 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އާސެނަލް ނުވަ މެޗުން 18 ޕޮއިންޓް ހޯދައި އޮތީ ތިންވަނައިގަ އެވެ.