އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ ނާކާމިޔާބު ދަތުރު އިތުރަށް ދިގުވެއްޖެ އެވެ.
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ، ވޭތުވެދިޔަ 12 މެޗުގެ ތެރެއިން 9 މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ. ބާރަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ދުވަހަކުވެސް އެއްވެސް ޓީމަުން ނުކުޅޭހާ ދަށް ފެންވަރުގެ ކުޅުމެކެވެ. އަދި މިފަހުން ސިޓީ ވެސް މިހާ ދަށްކޮށް ކުޅެފައެއް ނުވެ އެވެ.
ވިލާ ޕާކުގައި ކުޅުނު މެޗުގައި ޖޮން ޑުރާން އަދި މޯގަން ރޮޖާސް ވަނީ ލަނޑު ޖަހާފަ އެވެ.
މި މެޗުގެ އިންޖަރީ ޓައިމްގައި ފިލް ފޯޑަން ވަނީ ސިޓީއަށް އެއް ލަނޑު ޖަހާފަ އެވެ. މިހާރު މެންޗެސްޓާ ސިޓީ ވަނީ ޓޭބަލްގެ ހަވަނައަށް ވެއްޓިފަ އެވެ. އަދި ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު 9 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
އެހެން މެޗުތަކުގައި އާސެނަލް ވަނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން 5-1 އިން ކާމިޔާބުކޮށްފަ އެވެ. ގެބްރިއެލް ޖީސަސް މި މެޗުގައި 2 ލަނޑު ޖަހާފައިވާއިރު، ހެވަޓްޒް، މާޓިނެލީ އަދި ރައިސް ވެސް ވަނީ ލަނޑު ޖަހާފަ އެވެ. މި ނަތީޖާއާ އެކު އާސެނަލް ވަނީ ލިވަޕޫލާ އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ނަމަވެސް އާސެނަލް ވަނީ ލިވަޕޫލަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ.
އެހެން މެޗުތަކުގައި ނޮޓިންހެމް ފޮރެސްޓް ވަނީ ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ކާމިޔާބު ހޯދާފަ އެވެ. އަދި ނިއުކާސަލް ވަނީ އިޕްސްވިޗް އާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން ކާމިޔާބު ހޯދާފަ އެވެ.