ކުޅިވަރު

ސިޓީ އާއި އާސެނަލް މޮޅުވެ، ލިވަޕޫލް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ މެންޗެސްޓާ ސިޓީ އާއި އާސެނަލް މޮޅުވިއިރު ލިވަޕޫލް އެއްވަރުވެއްޖެ އެވެ.

ރަށުން ބޭރުގައި ސިޓީ މޮޅުވީ ބޯންމައުތާ ވާދަކޮށް 4-1 އިންނެވެ. އާސެނަލް ވަނީ ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލް ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނުކުމެ އެއްވަރުވީ 0-0 އިންނެވެ.

ސިޓީ އިން މޮޅުވި މެޗުގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. ދެވަނަ ގޯލު 29 ވަނަ މިނެޓުގައި ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގައި ހާލަންޑް ޖެހި 27 ވަނަ ގޯލެވެ. ހާލަންޑް ވެފައިވަނީ ސިޓީގެ ތާރީހުގައި އެއް ސީޒަނުގައި ލީގު ގޯލު އެންމެ ގިނައިން ޖެހި ކުޅުންތެރިޔާއަށެވެ.

ސިޓީގެ ތިންވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ ފިލް ފޯޑެން އެވެ. ސިޓީގެ ހަތަރު ވަނަ ގޯލަކީ ބޯންމައުތުގެ ކްރިސް މެފަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ފަހުކޮޅު ބޯންމައުތުގެ ޖެފާސަން ލެމާ ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

އާސެނަލް މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖެހީ ގެބްރިއެލް މާޓިނެލީ އެވެ. މިއީ ޖެހިޖެހިގެން ލީގުގައި މާޓިނެލީ ގޯލު ޖެހި ދެވަނަ މެޗެވެ.

ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ލިވަޕޫލްގެ ޑިއޯގޯ ޖޯޓާ އާއި މުހައްމަދު ސަލާހް ފޮނުވާލި ދެ ހަމަލާ ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ. އަދި، ޕެލެސްގެ މަޓޭޓާ ޖެހި ބޯޅަ ވެސް ގޯލުގެ ހުރަސް ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ.

މޮޅާ އެކު އާސެނަލް ލީގުގެ އެއްވަނައިގައި އޮތީ 57 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. އެކަމަކު ސިޓީ އިން ވަނީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. ޕެލެސްއާ އެއްވަރުވުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ލިވަޕޫލް ކުރާ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. އެޓީމު މިވަގުތު އޮތީ 36 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.