މިފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމަކަށް އަންނައިރު އެއްވެސް ޓީމަކުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ. ބައިނަލްއަގްވާމީ މީޑިއާ ތަކުގައި ވެސް ސަލާހުއާ ގުޅޭ މިވާހަކަތައް ވަނީ ރިޕޯޓްކުރަން ފަށާފަ އެވެ.
ދުނިޔޭގެ ފެންވަރުގައި މިވަގުތު އެންމެ ބޮޑަށް ފާހަގަކުރެވޭ ފޯވާޑުންގެ ލިސްޓުގައި ހިމެނޭ އެމްބާޕޭ، ހާލަންޑް، ރޮނާލްޑޯ، މެސީ، ލެވަންޑޮސްކީ އަދި ލުކާކޫ އަކީ މިފަހަރުގެ ޓްރާންސްފާގައި ޓީމު ބަދަލު ކޮށްފައިވާ، ނުވަތަ ކޮންމެވެސް ގޮތަކުން ޓްރާންސްފާގެ ލިންކަކާއި ގުޅިފައިވާ ކުޅުންތެރިންނެވެ. މިކުޅުންތެރިން ބޭނުންވެގެން އެކި ޓީމު ތަކުން މަސައްކަތް ކުރި ނަމަވެސް ސަލާހް ހޯދުމަށް އެއްވެސް ޓީމަކުން މަސައްކަތެއް ނުކުރެ އެވެ.
ޓްރާންސްފާ މާކެޓް ނިމުމަކާއި ގާތްވެފައި ވާއިރު، ކޮންޓްރެކްޓްގެ ބާކީ ދެ އަހަރަށް ވުރެ މަދު ދުވަސް ކޮޅެއް އޮތް ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ލިސްޓުގައި ހިމެނޭ ސަލާހް ހޯދުމަށް އެއްވެސް ޓީމަކުން މަސައްކަތް ނުކުރަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޕްރިމިއާ ލީގުގެ އޯޕަނިން މެޗުގައި ނޯވިޗް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ސަލާހް ގޯލެއް ޖެހުމުން "އައި ހޯޕް ދޭއާ ވޮޗިން" ޖެހުމަށް ފަހު ސަލާހްގެ އެޖެންޓް ރަމީ އައްބާސް އީސާ ވަނީ ޓްވީޓެއް ކޮށްފަ އެވެ. މިއީ ސަލާހް ގެންދަން ބޭނުންވާ ޓީމަކަށް އޭނާއާއި ވާހަކަ ދައްކަން ހުޅުވާލި ފުރުސަތެއް ކަމަށް ބެލެވެ އެވެ.
ސަލާހް އިތުރަށް ލިވަޕޫލްގައި މަޑު ކުރާނެތޯ ބޭރުގެ ކުޅިވަރު ނޫހަކުން އޭނާ އާއި ސުވާލު ކުރުމުން ސަލާހް ބުނީ އެއީ އޭނާ އަމިއްލައަށް ނިންމާނެ ކަމެއް ނޫން ކަމަށާއި އެކަމާއި ބެހޭ ގޮތުން އޭނަ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ޓީމުން އެކަމާ ބެހޭ ގޮތުން އޭނާ އާއި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި ސްޕެއިންގެ ކްލަބަކަށް ބަދަލުވެދާނެތޯ އެހުމުން ސަލާހް ބުނީ ގިނަ އަހަރު ތަކެއް ވަންދެން ފުޓްބޯޅަ ކުޅެން އޭނާ ބޭނުންވާ ކަމަށާއި، މުސްތަގުބަލުގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ. އެހެންވީމާ ފަހަރެއްގައި ސްޕެއިންގެ ކްލަބަކުން ފެނުން އެކަށީގެންވާ ކަމަށެވެ.
ސަލާހް 2017 ވަނަ އަހަރު ޕްރިމިއާ ލީގު ކުޅެން ފެށި ފަހުން ކޮންމެ ސީޒަނެއްގައި ވެސް 20 ގޯލަށް ވުރެ ގިނައިން ޖަހާފައިވެ އެވެ. އަދި ލިވަޕޫލް އަށް 204 މެޗު ކުޅެދީ 126 ލަނޑު ކާމިޔާބު ކޮށްދިނެވެ.
ހަމަ ޔަގީނުންވެސް ލިވަޕޫލުން ހުރީ ސަލާހް ދޫކޮށްލަން ތައްޔާރަކަށް ނޫނެވެ. ޓީމުގެ އެޓޭކިން ލައިނުގެ އެންމެ މުހިންމު ދައުރު އަދާކުރާ ސަލާހް މިފަހަރުގެ ސީޒަނުގައި ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެހެން ކަމުން ލިވަޕޫލުން މަސައްކަތް ކުރާނީ އޭނާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ޓީމު ރަނގަޅު ހިސާބަކަށް ގެންދިއުމަށެވެ. އަނެއްކޮޅުން ރޮނާލްޑޯ، މެސީ އަދި ލެވަންޑޮސްކީ ފަދަ ކުޅުންތެރިންނާއި އަޅާ ބަލާއިރު ސަލާހް އަކީ އުމުރުން ހަގު ކުޅުނތެރިއެކެވެ. އެހެން ކަމުން 29 އަހަރުގެ ސަލާހް ގެންދަން ޓީމުތަކުން މަސައްކަތް ކުރާނަމަ ލިވަޕޫލުން އެކަމަށް ހުރަސް އަޅާނެ އެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެއްވެސް ޓީމަކުން ސަލާހް ގެންދަން މަސައްކަތް ކޮށްފައި ނުވަނީ ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާއި ހިލާފަށް ބޮޑު ހަރަދެއް ނުކުރަން ކަމަށް ވެދާނެ އެވެ. ކޮވިޑްގެ ހާލަތާއި އެކު ގިނަ ޓީމު ތަކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.