މުހައްމަދު ސަލާހް

ކޮންޓްރެކްޓް އާ ކުރާނަމަ ބޮޑު މުސާރައެއް ބޭނުން

މުހައްމަދު ސަލާހް، ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރާނަމަ މުސާރަ ބޮޑު ކުރަން އޭނާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސި ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން ސަލާހް ކޮންޓްރެކްޓް އާ ކުރަން ބޭނުން ވަނީ މިހާރު އޭނާއަށް ލިބޭ މުސާރަ ދެ ގުނައަށް ވުރެ އިތުރު ކުރުމަށް ފަހު އެވެ. މިހާރު ސަލާހަށް މުސާރައިގެ ގޮތުގައި ލިބެނީ އަހަރެއްގެ މައްޗަށް 11 މިލިއަން ޔޫރޯ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އޭނާ ބޭނުން ވަނީ މުސާރަ 30 މިލިއަނަށް މަތި ކުރާށެވެ.

މިކަމާމެދު މިހާރު އަންނަނީ ލިވަޕޫލް އާއި ސަލާހުގެ ރެޕްރެޒެންޓޭޓިވުން މަޝްވަރާ ކުރަމުންނެވެ. ލިވަޕޫލާއެކު ސަލާހް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރު އެވެ. މުއްދަތު ހަމަވާން ދެއަހަރު އޮއްވައި ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކޮށް ޓީމުގައި އޭނާ ބެހެއްޓޭނެ ކަމުގެ ޔަގީންކަން ހޯދުމަށެވެ.

މީގެ ކުރިން ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ ސަލާހް ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ފަހު ވަގުތު ޕީއެސްޖީން ހަތަރު ކުޅުންތެރިންނާއެކު އެޓީމަށް ގެންދިޔައީ ލައިނަލް މެސީ އެވެ. އަދި ރެއާލުން އޮތީ އެމްބާޕޭ ހޯދުމަށް ފޫގަޅާފަ އެވެ.

އެކަން މިއަހަރު ނުވުމުުން މިއަންނަ އަހަރު އޭނާ ހޯދުމަށް ރެއާލުން މަސައްކަތް ކުރާނެ އެވެ. އެހެންކަމުން ސަލާހް ހޯދުމަށް އެ ޓީމުގައި އިތުރަށް ފަންޑު ނުހުންނާނެތީ އެކަމަށް އެޓީމުން މަސައްކަތެއް ނުކުރާނެ އެވެ. ނަމަވެސް އެމްބާޕޭ ދިއުމުން ޕީއެސްޖީން ސަލާހް ހޯދުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސަލާހް ވަނީ ލިވަޕޫލްގައި 206 މެޗު ކުޅެދީ 127 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ޓީމުގައި މިވަގުތު ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ އޭނާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.