މުހައްމަދު ސަލާހް

މިއީ ލިވަޕޫލްގައި ސަލާހުގެ ފަހު ސީޒަނަށް ވެދާނެ

ލިވަޕޫލުގައި ދެމިހުރުމަށް ވުރެ ކްލަބް ދޫކޮށް ދިއުން ކައިރި ކަމަށް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ބުނެފި އެވެ.

މުހައްމަދު ސަލާހު، ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގެ ސިގުނަލެއް ދީފައި މިވަނީ ސައުތެމްޓަން އަތުން އެ ޓީމު މޮޅުވި މެޗަށް ފަހު އެވެ.

މިއީ ލިވަޕޫލްއަށް ކުޅޭ މިސްރުގެ ފޯވާޑް، 32 އަހަރުގެ ސަލާހު، ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކި ދެވަނަ ފަހަރެވެ.

ސައުތެމްޕްޓަން އަތުން ލިވަޕޫލް މޮޅުވި މެޗުގައިވެސް އޭނާ ވަނީ ދެ ގޯލް ޖަހާފަ އެވެ.

މި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލާހް ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވަމުގެ ވަގުތު ކައިރިވަމުންދާއިރު އަދި މިހާތަނަށް ކްލަބްގައި މަޑުކުރުމާ މެދު އޭނާއަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާތީ އޭނާ ކުލަބް ދޫކޮށްލުން ކައިރި ކަމަށެވެ.

ލިވަޕޫލްއާ އެކު 2017 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލި ސަލާހު، އެންމެ ފަހުން ކޮންޓްރެކްޓް އާކުރީ 2022 ވަނަ އަހަރު އެވެ. އެ ކޮންޓްރެކްޓަކީ ތިން އަހަރުގެ އެއްބަސްވުމެއްގެ ގޮތުގައި، ހަފްތާއަކަށް 370,000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އެއްބަސްވުމެކެވެ.

ސަލާހު ގަބޫލުކުރާ ގޮތުގައި ލިވަޕޫލް އިން އޭނާ އަށް ކަންކަމުގައި ލިބޭ އެއްބާރުލުން ރަނގަޅެއް ނޫނެވެ.

މީގެ އިތުރުން ލިވަޕޫލްގެ އެހެން މުހިންމު ބައެއް ކުޅުންތެރިން ކަމުގައިވާ ވެން ޑައިކާއި އާނޯލްޑްވެސް މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާނެ އެވެ. އެހެންނަމަވެސް ލިވަޕޫލް އިން އަންނަނީ މި ދެ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.