ޗެމްޕިއަންސް ލީގް

އެތުލެޓިކޯ ބަލިކޮށް ލިވަޕޫލް އެއްވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލިވަޕޫލް ގްރޫޕް ބީގެ އެއް ވަނައަށް ޖެހިލައިފި އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުން އެޓީމު ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފެށުނުތާ މާ ގިނައިރެއް ނުވަނީސް ލިވަޕޫލުން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ އަށް ވަަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލަށް ލީޑު ނަގައި ދިނީ މުހައްމަދު ސަލާހް އެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިނީ ނަބީ ކެއިޓާ އެވެ. މި ގޯލަކީ ރިބައުންސް ވެގެން އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް އެތުލެޓިކޯއިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް ޖަހައިދިނީ އެންޓޯނިއޯ ގްރީޒްމަން އެވެ. ފުރަތަމަ ގޯލު ކޮކޭ ދިން ޕާހަކުން ކާމިޔާބު ކުރިއިރު، ދެވަނަ ގޯލަކީ ދެ ކުޅުންތެރިން ކައިރިން ބީޓު ކޮށްލުމަށް ފަހު ގޯލުގެ ކަނަކަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީޒްމަން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ލިވަޕޫލުން މެޗު ކާމިޔާބު ކުރީ ދެވަނަ ހާފުގައި ކުޅެން ނުކުން ޑިއޯގޯ ޔޮޓާއަށް އެތުލެޓިކޯގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. ލިވަޕޫލް މޮޅުކޮށް ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޓީމުގެ ތަރި ސަލާހް އެވެ. މި ސީޒަންގައި ސަލާހްގެ ފަރާތުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ފެންނަމުންނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ގްރޫޕް ޑީގައި ރެއާލް މެޑްރިޑާއި ޝަކްތާރް ބައްދަލުކުރި މެޗުގައި ރެއާލުން ވަނީ ގިނަ ގޯލު ތަކެއް ޖަހާފަ އެވެ. އެ މެޗުން 5-0 ގެ ނަތީޖާ އަކުން ރެއާލް މޮޅުވި އިރު، އަޔަކްސް އަތުން ޑޯޓްމަނޑް ވަނީ 4-0 އިން ބަލިވެފަ އެވެ. މެސީގެ ދެ ގޯލާއެކު އާރުބީ ލެޕްޒިގްގެ މައްޗަށް ޕިއެސްޖީން ކުރިހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ. އިންޓާ މިލާނުން ޝެރިފްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކުރި ހޯދިއިރު، ޕޯޓޯ އަތުން އޭސީ މިލާން ބަލިވީ 1-0 އިންނެވެ. ކްލަބް ބްރޫގާގެ މައްޗަށް ސިޓީން 5-1 އިން ކުރިހޯދި އިރު، ސްޕޯޓީން އިން ބެސިކްޓަސް ބަލިކުރީ 4-1 ގެ ނަތީޖާ އަކުންނެވެ.