ޗެމްޕިއަންސް ލީގް

ލިވަޕޫލާ ކުޅެން ޖެހުމުން ސިމިއޯނޭވެސް އުފަލެއް ނުވާނެ: ކްލޮޕް

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، އެތުލެޓިކޯ މެޑްރިޑުން ލިވަޕޫލާ ކުޅެން ޖެހުމުން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭވެސް އުފާ ކުރަން ނުހުންނާނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް އަކީ، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ސްޓޭޑިއަމް އެވެ. އެހެންނަމަވެސް މިފަހަރު އެ ސްޓޭޑިއަމްގައި ވާދަ ކުރަން ޖެހޭނީ ސްޓޭޑިއަމްގެ ހޯމް ޓީމާ އެވެ.

ކްލޮޕް ބުނީ، އެތުލެޓިކޯ އާއި ލިވަޕޫލް އަކީ ހައި އިންޓެންސް ގޭމްއަކާއެކު ތަފާތު ދެ ސްޓައިލްގެ ފުޓްބޯޅައެއް ކުޅޭ ދެ ޓީމު ކަމަށެވެ. އެއީވެސް އެ ދެ މެޗު ވަރުގަދަ ވާނެ ސަބަބެއް ކަމަށެވެ.

އޭނާ ބުނީ، މެޑްރިޑްގެ ދެ ޓީމުގެ ތެރެއިން ކޮންމެވެސް ޓީމަކާ ޖެހިދާނެ ކަމަށް ކުރިންވެސް ހީކުރެވުނު ކަމަށެވެ. މެޑްރިޑަށް ނިސްބަތްވާ އެންމެ ބޮޑު ކުލަބު ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހޭނީ ލިވަޕޫލާ ވާދަވެރި ކުލަބު މެންޗެސްޓާ ސިޓީ އާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމުގައި އޮތް ޗެލްސީ ވާދަ ކުރަން ޖެހޭނީ ބަޔާން މިޔުނިކާ އެވެ. ބާސެލޯނާ ވާދަ ކުރަން ޖެހޭނީ ނަޕޯލީ އާ އެވެ. ޕީއެސްޖީ ވާދަ ކުރާނީ ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށެވެ. ޔުވެންޓަސް ވާދަ ކުރާނީ އޮލިމްޕިކް ލިޔޯން އާ އެވެ. އެންމެ ފަހުގެ ރަނަރަފް ޓޮޓެންހަމް ހޮޓްސްޕާސް ވާދަ ކުރަން ޖެހޭނީ ޖަރުމަންގެ ރެޑްބުލް ލައިޕްޒިގް އާއެވެ. ސްޕެއިންގެ ވެލެންސިއާ ނިކުންނާނީ އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށެވެ.