ވޯލްޑްކަޕް ކޮލިފިކޭޝަންގައި މޮންޓެނޭރޯގެ މައްޗަށް ނެދަލޭންޑްސް އިން ބޮޑު މޮޅެއް ހޯދިއިރު، ފްރާންސް އާއި ޔޫކްރެއިން ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.
މޮންޓެނޭރޯ އާއި ބައްދަލު ކުރި މެޗުން ނެދަލެންޑްސް މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގައި ސްޕެއިންގެ ބާސެލޯނާ އާއި މި ސީޒަނުގައި ގުޅުނު މެމްފިސް ޑިޕާއީގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުނެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލު ޖަހައި ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ ޑިޕާއީ އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޑިޕާއީ މި ލަނޑު ކާމިޔާބު ކުރީ އިދިކޮޅު އޭރިއާ ތެރެއިން އޭނާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.
ނެދަލެންޑްސްގެ އަނެއް ތިން ގޯލަކީ ދެވަނަ ހާފުގައި އެ ޓީމުން ކާމިޔާބު ކުރި ތިން ގޯލެވެ. ދެވަނަ ހާފުގެ ފުރަތަމަ ގޯލު ހަނި އޭންގަލުން ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޑިޕާއީ އެވެ. ވަރަށް ހުސް ފުރުސަތެއްގައި ނެދަލެންޑްސްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ޖޯޖީނޯ ވައިނާލްޑްމަން އެވެ. ނެދަލެންޑްސްގެ ފަހު ގޯލު އޭރިއާ ބޭރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކޮޑީ ގަކްޕޯ ކާމިޔާބު ކޮށްދިން ގޯލެކެވެ.
މި މެޗުގައި ނެދަލެންޑްސްގެ މެދުތެރެއަށް ކުޅޭ ފްރޭންކީ ޑިޔޯންގް ވަނީ މުޅި ޓީމު ކުޅުވުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. ލުއިސް ވެންހާލްގެ ކޯޗު ކަމުގެ ދަށުން ޑިޔޯންގް އަންނަނީ ޓީމުގައި މުހިންމު ދައުރެއްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ފްރާންސާއި ޔޫކްރެއިން ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއީ ފްރާންސް މެޗަކުން މޮޅު ނުވާތާ ފަސްވަނަ މެޗެވެ. ފްރާންސް އެންމެ ފަހުން މޮޅުވީ ޔޫރޯ 2020 ގައި ޖަރުމަނު އަތުންނެވެ. މިފަހުން ބޮސްނިއާ އާއި ހާޒެގޮވީނާ އާއި ބައްދަލުކުރި މެޗުން ވެސް ފްރާންސް ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ.
ޔޫކްރެއިންގެ ފުޓްބޯޅަ ލެޖެންޑް އަދި އެންމެ ކާމިޔާބު ކޯޗު ޝެވްޗެންކޯ އާއި ނުލައި ކުޅުނު މި މެޗުގައި އެންމެން ހައިރާން ކޮށްލުވައި ފުރަތަމަ ލީޑު ނެގީ ޔޫކްރެއިން ޓީމުންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ގޯލުގެ ކަނަކަށް ބޯޅަ ފޮނުވާލައިގެން ޔޫކްރެއިންއަށް މި ގޯލު ކާމިޔާބު ކޮށްދިނީ މައިކޯލާ ޝަޕަރެންކޯ އެވެ.
ފުރަތަމަ ހާފުގައި ނަތީޖާ ހަމަ ކުރަން ފްރާންސްގެ ޕައުލް ޕޮގްބާއަށް ލިބުނު ފުރުސަތު ވަނީ ބޭކާރު ވެފަ އެވެ. ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންތޮނީ މާޝިއަލް އެވެ.