AVAS PHOTO ESSAY

ސޮލާގެ ރީތި އެމްބްރޮއިޑަރީ އާޓްސް!

ސޮލާ: އެމްބްރޮއިޑަރީ އާޓާއެކު ކުރިޔަށް ދާން ބޭނުންވޭ

އަތްތެރި މަސައްކަތުގެ ގިނަ ކަންކަމަކީ ވަރަށް ކަވި އަދި އެކަމަށް ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތްތަކެވެ. އެކި ބާވަތްބާވަތުގެ އަތްތެރި މަސައްކަތްތަކުގެ ތެރެއިން ރޮދި ފުރައިގެން، މާ ޖެހުންފަދަ ހުނަރުވެރި މަސައްކަތަކީ ވަރަށް ބުރަ، އުނދަގޫ މަސައްކަތެކެވެ. މިއީ ވެސް ވަރަށް ވަރުގަދަ އާޓެކެވެ. މި އާޓުގައި އެކި ކުލަކުލައިން ރޮދި ފުރައިގެން ހަދާފައި ހުންނަ އެއްޗެހި ބަލައިލަން ވަރަށް ހިތްގައިމެވެ. ކަވި ނަމަވެސް މިއީ ކުރަން ރަނގަޅު ވެސް މަސައްކަތެކެވެ.

އުމުރުން 26 އަހަރުގެ މަރިޔަމް ސޮލާހާ (ސޮލާ) އަކީ މި މައްސަކަތް ތަފާތު ގޮތަކަށް ކުރާ ޒުވާނެކެވެ. އޭނާ މަސައްކަތް ކުރަނީ މި ޒަމާނާ އެއްގޮތް މޮޑާން ސްޓައިލަކަށެވެ. އޭނާ ބޭނުން ކުރަނީ އިހުގައި މީހުން ބޭނުންކޮށް އުޅުނު އާދައިގެ ބަރަންޏެއް ނޫނެވެ. ސޮލާ ބޭނުން ކުރަނީ އެމްބްރޮއިޑަރީ ފްލޮސް އެވެ.

ސޮލާގެ މަސައްކަތުން ބައެއް ތިލަ ކޮށްލާށެވެ؛

އެމްބްރޮއިޑަރީ އާޓްގެ ތެރެއަށް ސޮލާ ވަނީ އޭނާގެ ރައްޓެއްސަކު އެ އާޓް ހިމެނޭ މަސައްކަތެއް ހަދިޔާ ކުރުމުންނެވެ. އެއީ އެކުވެރިޔާ 2018 ވަނަ އަހަރު ޖަޕާނުން ރާއްޖެ އައިއިރު ގެނެސްދިން އެމްބްރޮއިޑަރީ ޕެއިންޓެކެވެ. އެ ފެނުމާއެކު އެ އާޓް އަމިއްލައަށް ތަޖުރިބާ ކުރާ ހިތްވީ އެވެ.

ސޮލާ ބުނާ ގޮތުގައި ސުކޫލުގައި އުޅުނު އިރު މާޖަހަން ދަސްކޮށްފައި ހުރުމުން ކޮންމެހެން ވެސް އެ މަސައްކަތް ތަޖުރިބާ ކޮށްލަން ވެސް ބޭނުންވީ އެވެ. އަމިއްލައަށް އާ ކަމެއް ދަސްކުރާ ހިތް ވެސް ވީއެވެ. މި އާޓަކީ އަތުން ފަހާ އާޓެކެވެ. އެމްބްރޮއިޑަރީ އާޓޭ ކިޔަނީ އާދައިގެ މާގަނޑު ޖެހުމާ ތަފާތުވާތީ އެވެ.

މި އާޓަށް އެންމެ ބޭނުންވަނީ އެމްބްރޮއިޑަރީ ފްލޮސް އެވެ. އެއީ މިކަމަށް ހާއްސަ ބަރަންޏެކެވެ. ދެން ހޫޕްއެކެވެ. އެއީ އެމްބްރޮއިޑް ކުރާއިރު ފޮތިގަނޑު ވާންކުރަން ލައްވާށެވެ. އާދައިގެ މާގަނޑަށް ރޮދި ފުރަން ވެސް އެފަދަ ހޫޕް ބޭނުން ކުރެ އެވެ. ދެން ބޭނުން ވާނީ އަތުން ފަހާ ތިނޯހެކެވެ.

މިހާރު ސޮލާއަށް އާދައިގެ އާޓް މަސައްކަތެއް 15 ވަރަކަށް މިނެޓުން ތައްޔާރުކޮށްލެވެ އެވެ. ނަމަވެސް ގިނަ ކުލަ ބޭނުން ކުރާނަމަ އެކަމަށް ގިނަ ވަގުތު ނަގަ އެވެ. ވަރަށް ބޮޑު މަސައްކަތް ކުރާނަމަ އެކަމަށް މަހެއްވަރު ނަގަ އެވެ.

ސޮލާގެ އަމިއްލަ މަސައްކަތުގައި "ފޭވަރިޓް" ވަކި އެއްޗެއް ހޮވަން ވަރަށް އުނދަގުލެވެ. އެއީ އަމިއްލަ މަސައްކަތަށް ޖަޖު ކުރަން އުނދަގޫ ވަނީ އެވެ. ނަމަވެސް ހިތްހަމަޖެހޭ މަސައްކަތް ހުރެ އެވެ. ސޮލާ އެންމެ ބޮޑަށް އެމްބްރޮއިޑަރީ ހަދާ ހިތް ވަނީ ކެންވަސްގަ އެވެ. އޭނާ ކެންވަސްގައި ހެދި އަލްމަންޑް ބްލޮސަމްސް ވަރަށް ކަމުދެ އެވެ. އެ މަސައްކަތާއި ދޭތެރޭ ހިތްހަމަޖެހުނެވެ.

"އެންމެ ހިތް ހަމަ ޖެހެނީ ކެންވަސްގަ ހަދާފައިން އަލްމަންޑް ބްލޮސަމްސް. އޭތި ނިމުނު އިރު އިން ގޮތް ވަރަށް ހިތްހަމަ ޖެހޭ. މަސައްކަތް ކުރި އިރު ހިތަކަށް ނާރާ އެހެން ހެދޭނެ ކަމަކަށް ވެސް،" ސޮލާ ބުންޏެވެ.

މަސައްކަތް ފުޅާ ކުރަމުން އަންނައިރު އާ ގޮތްގޮތް ގެނެވޭތޯ ސޮލާ މަސައްކަތް ކުރެ އެވެ. އެންމެ ފުރަތަމަ ފެށީ ކުދިކުދި މާ ނުވަތަ ބެޖު ފަދަ އެއްޗެހިންނެވެ. މިހާރު ޕޯޓްރެއިޓް ވެސް ފަސޭހަ ކަމާއެކު އެމްބްރޮއިޑް ފްލޮސް އިން ހަދަ އެވެ. ޕޯޓްރެއިޓް ހަދަނީ ކަސްޓަމަރުން ފޮނުވާ ފޮޓޯ އިންނަ ގޮތަށެވެ. ލިޔުންކޮޅުތައް ވެސް ހަދާ ލެވެއެވެ. އެކި ފޮންޓްތަކުން ލިޔެފައި ހުންނަ ޖުމްލަތަކަށް ރޮދި ފުރައިލާން މާ އުނދަގުލެއް ނޫނެވެ. ނަމަވެސް އެކަމަށް ވަގުތު ނަގަ އެވެ.

"ކަސްޓަމަރުންގެ ފީޑް ބެކް ވަރަށް ރަނގަޅު. ރީތި ވެގެން ވަރަށް ހިތްހަމަ ޖެހިގެން އުޅޭ، އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ މަސައްކަތް ދާ ގޮތަށް އަދި ހަމަ ވަރަށް ރަނގަޅޭ. ކުރިއަށް އޮތްތަނުގައި މިއަށްވުރެ އާ ގޮތްގޮތަށް އެއްޗެހި ހަދަން ބޭނުން،" ސޮލާ ބުންޏެވެ.

"އެއްޗެއް ނިންމާފަ ޕޯސްޓް ކުރީމަ ގިނަ ފްލޮވާސް ޝެއާކޮށް ލައިކް ދީ ކޮމެންޓްކޮށް ހަދާނެ. ބޮޑު އާޓް ޕީސްއެއް ވިއްޔާ ވަރަށް އެޕްރިޝިއޭޓް ކުރާނެ މީހުން،"

ސޮލާއަށް އޮތް ބޮޑު ގޮންޖެހުމަކީ ބޭނުންވާ ސާމާނު ނުލިބުމެވެ. އެމްބްރޮއިޑަރީ ފްލޮސް ރާއްޖެއިން ލިބުން ދަތިވުމަކީ މަސައްކަތަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. މާލެއިން ހޯދަން ވަރަށް އުނދަގުލެވެ. ފޮތި ބަރަނި ވިއްކާ ތަންތަނުގައި ވެސް އެ ބަރަންޏެއް ނުހުރެ އެވެ. ހުއްޓަސް ގިނަފަރަށް ބޭނުންވާ ކުލަ ނުވަތަ ޝޭޑް ނުލިބެ އެވެ. އެހެންވެ ގެންނަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. ބޭރުންވެސް ގެނެވެނީ ވަރަށް އުނދަގުލުންނެވެ.

ސޮލާ އޮމްބްރޮއިޑަރީ އާޓްގެ ތެރެއަށް ގަންބުވާލީ ޖަޕާނުން ހަދިޔާ ގެނެސްދިން އޭނާގެ އެކުވެރި އައިންތު އެވެ. އައިންތު އެ ހަދިޔާ ނުގެނެސްދިން ނަމަ މި މަސައްކަތް ދުވަހަކުވެސް ނުކުރާނެ އެވެ. އެހެންކަމުން އައިންތުއަށް ސޮލާ ވަރަށް ބޮޑަށް ޝުކުރެއް އޮވެ އެވެ.