ޑރ. މުހައްމަދު މުއިއްޒު

ޒުވާނުންނަކީ ވަފާތެރި، ދީންވެރި ބަޔަކަށްވުމަށް ރައީސް ގޮވާލައްވައިފި

ޒުވާނުންނަކީ ގައުމާއި މުޖުތަމައާއި އާއިލާއަށް ވަފާތެރި އަދި ދީންވެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ޒުވާނުންގެ ދުވަހުގެ މުނާސަބުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޕޯސްޓުގައި ރައީސް ވަނީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރުމަށް ގޮވާލައްވާފަ އެވެ.

"ގައުމާއި މުޖުތަމައާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައި [ކުރިއަށް ދިއުމަށް]،" ރައީސް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހަކީ އޮގަސްޓް 12 ވަނަ ދުވަސް ކަމުގައި ވިޔަސް ރާއްޖޭގައި ރަސްމީކޮށް ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.

ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮގަސްޓް 12 ވަނަ ދުވަހު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތާހުކޮށްދެއްވާފަ އެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާއެރުވުމެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބޯޑު އެކުލަވާލަލައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މި ބޯޑުގައި ތިއްބަވަނީ 15 މެންބަރުންނެވެ. ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.