ޒުވާނުން

ޒުވާނުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑަށް ކުރިމަތިލާން އާންމުންނަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބެލުމުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑަކީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އުފައްދަވާ ބޯޑެކެވެ.

މި ބޯޑު އެކުލަވާލުމަށް ނިންމާފައިވަނީ 15 މެންބަރުންގެ މައްޗަށެވެ. އެގޮތުން ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ (ސިވިލް ސޮސައިޓީ)ގެ ފަރާތުން ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ބޯޑަށް ކުރިމަތިލާން ހުށަހަޅާ މީހުންގެ ހުންނަންޖެހޭ ޝަރުތުތައް

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
  • ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން
  • ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި މިކަމަށް ޝައުގުވެރިވާ މީހުން މިމަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައިވެ އެވެ.

ކޮންމެ ތިން މަހުން އެއްމަހު މި ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރައްވާނެ އެވެ. އެހެން ބައްދަލުވުންތަކުގައި ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ ވަކި މެންބަރެކެވެ. ހަމައެއާއެކު ޒުވާނުން ރައީސްއަށ ްއަރުވާ ލަފާތައް ކެބިނެޓް ލެވަލްގައިވެސް މަޝްވަރާ ކުރެވޭ ގޮތަށް އަދި ޒުވާނުންނާ ގުޅޭ ބައެއް ކަރުދާސްތައް އެކުލަވާލުމުގައި އެ ކޮމިޓީގެ މަޝްވަރާ ހޯދުމަށްވެސް ނިންމާފައިވެ އެވެ.