އަބްދުﷲ ޝާހިދު

"ސަރުކާރުން ދަނީ ޒުވާނުންގެ ހައްގުތައް ނިގުޅައިގަންނަމުން"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުންގެ ހައްގުތައް ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް އަޑުފުލުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ޝާހިދު ވިދާޅުވީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 22 ވަނަ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަހަކީ އޮކްޓޫބަރު 22 ވަނަ ދުވަސް ކަމަށްވާތީ ކަމަށެވެ.

"[އޮކްޓޫބަރު 22 އަކީ] ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް ސާލިޙު ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް އަޒުމު އާކުރަންވީ ބުރަ މަސަތްކަތާއި ގުރުބާނީން ހޯދި ހައްގުތައް ހިފެހެއްޓުމަށް ކަމަށެވެ.

"ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް އަރިސްކުރަން،" ޝާހިދުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.