އޯލެވެލް ނިންމުމަށްފަހު އިތުރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި ވަޒީފާއެއް ނުލިބޭ ކުދިން ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރަން ލާޒިމުކުރާ ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ފެށުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރަށްޓެހި ގޮތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަލާމަތީ ހިދްމަތްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ކުރިއަށް ގެންދެވޭނީ އިލްމީ ގާބިލު ޒުވާނުންނަށް އެފަދަ އިދާރާތަކުގައި މަސައްކަތް ކުރަން ފުރުސަތު ދީގެން ކަމަށެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހާސިލް ނުވާ ކުދިން ގަދަކަމުން ސަލާމަތީ ހިދުމަތްތަކަށް ވެއްދުމުގެ ބަދަލުގައި އެކުއްޖެއްގެ ޝައުގުވެރިކަން ހުރި ދާއިރާއަކުން އިތުރު ތަމްރީނާއި ހުނަރުތައް ލިބޭނޭ މަގު ފަހިކޮށްދިނުން މާމުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ގައުއުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ފުޅާކޮށް ޖާގަ އޮތުމަކީ ޒުވާނުންގެ އުއްމީދުތަކުގައި ހަގީގީ ކުލަޖެހުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ.
ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގައި އެއްވެސް މަޖުބޫރު ކަމެއްނެތި ފުލުހުންނާއި ސިފައިންގެއަށް ވަނުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތަށް އެދިއެދި ތިބި އެތައް ހާސް ޒުވާނުން އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ.
"ވަކިދާއިރާއަކުން ހިދުމަތްކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާއި ވަސީލަތްތައް ހޯދައިދިނުމާއި ފުރުސަތުތައް އިތުރުކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކަށް ޝާހިދު ފާޑު ވިދާޅުވެފައި މިވަނީ އޯލެވަލް ނިންމާ ކުދިންގެ ތެރެއިން އޭލެވަލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީން ހެދުމަށްމަޖުބޫރުކުރުވުމަށްޓަކައި "ނެޝަނަލް ސާވިސް ޕްރޮގްރާމް"ގެ ނަމުގައި ގައުމީ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.