އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ސޯޝަލްމީޑިއާގައި "ހަސަންކުރުސީ"ގެ ނަމުގައި ހިންގާ އެކައުންޓަކުން ކެނޑިނޭޅި ކުރަމުންދާ ޕޯސްޓްތަކާ ގުޅިގެން ޝަހީމްގެ ދިފާއުގައި އިދިކޮޅު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ނިކުންނަވައިފި އެވެ.
ހަސަން ކުރުސީގެ އެކައުންޓުން ޝަހީމްގެ ޕީއެޗްޑީ ތީސިސްއާ މެދު ސުވާލު އުފައްދަމުންދާތާ ތިން ހަތަރު ދުވަސް ފަހުން ރޭ ވަނީ ޝަހީމް ކަމަށް ބުނެ ކޮންމެވެސް މީހެއްގެ ސިފަޖައްސާފައިވާ ބަދުއަހްލާގީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯ އެކެވެ.
ޝަހީމްގެ ދިފާއުގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެވެސް އާއިލާއެއް، މައިންބަފައިން، ފިރިން އަނބިން އަދި ދަރިން ތިބޭނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާ ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޑރ. ޝަހީމުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފެތުރުމަކީވެސް ބަލައިގަނެވިގެންވާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ކަމަށެވެ.
"އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ. މިފަދަ ނުބައި އަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރައްވަން ތިއްބަވާ ބޭފުޅުންނާ ބަޔަކު ޒާތީކޮށް ދިމާކޮށް އަބުރު ނަގާލިޔަސް އިދިކޮޅު ޕާޓީތަކުން ނުވަތަ އިދިކޮޅު ލީޑަރުން އެފަދަ އަމަލުތައް ކުށްވެރިކުރުމަކީ އެހާ އާންމު ކަމެއް ނޫނެވެ.