ހުދުމުހުތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިހާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ދިވެހިން ރިޔާސީ ނިޒާމު ބަލައިގަތީ މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއްނެތި ބާރުތައް ލިބިފައިވާ ހުދްމުހުތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށްފަހު ކަމަށެވެ.
މިއަދު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަތަރުވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް ސާފުކޮށް ބަޔާންކޮށްފައިވަނީވެސް މާޒީގައި ކުރި ތަޖުރިބާގެ އަލީގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދުގެ ޕޯސްޓްގައި ވަނީ ގާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަތަރުވަނަ މާއްދާގައި "ރައްޔިތުންގެ ބާރު" މާނަކޮށްދީފައިވާ ގޮތް އެ މާއްދާގައިވާ ގޮތަށް ހިމަނުއްވާފަ އެވެ.
"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."
ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ސާފު ސާދާ އިބާރާތުން ބުނެފައި އެވަނީ ދިވެހި ރައްޔިތުން ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދޭނެކަން ކަމަށެވެ.
"ހިތާމައަކީ ގާނޫނުއަސާސީގެ ރޫހާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ހިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ހުދުމުހުތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާ ތަން ފެންނަމުންދާކަން. މިމަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ގައުމީ ވާޖިބެއް،" ޝާހިދު ވިދާޅުވި އެވެ.