ފޮރިން މިނިސްޓްރީ

އީޔޫއާ މަޝްވަރާކުރުމަށް ސަރުކާރުގެ އިސް ވަފްދެއް ޔޫރަޕަށް

Sep 7, 2021

ރާއްޖެއާ ގުޅުންހުރި މައްސަލަތަކުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ މަޝްވަރާކުރުމަށް ދިވެހި ސަރުކާރުގެ ވަފްދެއް މިރޭ ޔޫރަޕަށް ފުރަން ތައްޔާރުވެއްޖެ އެވެ.

މިވަފްދުގައި އިސްކޮށް ހުންނަވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ. މީގެއިތުރުން ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި، ރައީސް އޮފީހާއި، ފުލުހުންގެ އިދާރާއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަފްދުގައި ހިމެނެ އެވެ.

އީޔޫ ވަފްދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އެވެ.

އީޔޫގެ މައި އިދާރާ ގާއިމުކޮށްފައިވާ ބެލްޖިއަމްގެ ބްރަސަލްސްގައި މަޝްވަރާތައް ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އަހަރަކު އެއްފަހަރު އީޔޫއާ އެކު ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގެ ތެރޭގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ހިންގުން ހަރުދަނާކުރުމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ގާނޫނު ނެގެހެއްޓުމާއި، ހައްދުފަހަނަ ދިއުން ހުއްޓުވުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، އިގްތިސާދާއި ވިޔަފާރި އަދި ތަރައްގީގެ ދާއިރާގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، އިގްތިސޯދު އާރާސްތުކުރުމާ ގުޅޭގޮތުން ވެސް މިބައްދަލުުވުމުގައި މަޝްވަރާކުރާނެ އެވެ.

މީގެއިތުރުން އީޔޫގެ ޑިރެކްޓޮރޭޓް ޖެނަރަލް ފޮ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒްއާ ދިވެހި ވަފްދުން ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިޔުޓީ ކުޑަކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.