ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށް ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ވިސާ ނެގުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އީޔޫގެ ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް މުރާޖައާ ކުރާއިރު އެ ލިސްޓުގައި ރާއްޖެ ހިމަނަން ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެކަން ހަމަޖެހިގެންދާނެ ވަކި ތާރީހެއް ފާހަގަކޮށްފައެއް ނުވެ އެވެ.
އީޔޫއާއި ދިވެހި ސަރުކާރާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު ރާއްޖޭގައި ގާނޫނު ނެގެހެއްޓުމަށާއި ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް މަސައްކަތްތަކެއް ކުރުމަށްޓަކައި އީޔޫ އިން ވަނީ ރާއްޖެއަށް ފަސް މިލިއަން ޕައުންޑުގެ އެހީއެއް ދިނުމަށްވެސް ނިންމާފަ އެވެ.
އެޖެންޑާގައި ހިމެނޭ މައުޟޫއުތައް
- އިންސާނީ ހައްގުތައް ކަށަވަރުކުރުން
- ޝަރުއީ ދާއިރާ ތަރައްގީކުރުން
- އިގުތިސާދީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް
- ދައުލަތް ހިންގުން ހަރުދަނާކުރުން،
- މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުން
- ޑިމޮކްރަސީ
- ދީނީ ހަރުކަށި ފިކުރު
- ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން
މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު އެވެ.
އީޔޫއާއި ރާއްޖެއާއި ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން މިދިޔަ އަހަރުގެ މަޝްވަރާ ބައްދަލުވުން މާލޭގައި ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.