ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކޮށްދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައްވައިފި އެވެ.
މިނިސްޓަރު ޒަމީރު މިއަދު މިކަމަށް ގޮވާލެއްވީ އީޔޫގެ މައި އޮފީސް ގާއިމުކޮށްފައި ހުންނަ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށް ދިޔަ އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އިގްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެ ގޮތުން ދިމާވާ ކަންކަމާ ގުޅިގެން ރާއްޖެއަށް ބޮޑެތި ދަތިތައް ހުރި ކަމަށެވެ. މިފަދަ ދަތިތަކުން އަރައިގަތުމަށް ރާއްޖޭގެ އިގްތިސާދު ހަަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުގެ ބަދަލުގައި އިގްތިސާދު ޑައިވަސިފައި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ގާބިލްކަން އިތުރުކުރަން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދީގެން ކަމަށެވެ.
"މިކަން ހާސިލުކުރުމަށް އެންމެ މުހިންމީ ރާއްޖޭގެ މަހުގެ ބާވަތްތަކުން ޔޫރަޕިއަން ޔޫނިއަން އިން ނަގާ ޓެކްސް ކުޑަކޮށްދިނުން،" ޒަމީރު ވިދާޅުވި އެވެ.
ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހަށް ޑިއުޓީގެ ގޮތުގައި 24 ޕަސަންޓް ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިިކޮށް ތަަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކުރުމާ އެކު 2013 ވަނަ އަހަރުން ފެށިގެންނެވެ. މިމައްސަލަ ހައްލުކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކޮށްފައިވެ އެވެ. މިމައްސަލައަށް ހައްލެއް ލިބުނު ކަމަށް މިދިޔަ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް ލުއި ލިބިފައެއް ނުވެ އެވެ.