ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ މަންދޫބް ރިޔާދު މަންސޫރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ދެ ބޭފުޅުން ބައްދަލުކުރެއްވީ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
މިނިސްޓަރު ޒަމީރު ނިއުޔޯކްގައި ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކީވެސް ފަލަސްތީންގެ މަންދޫބެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ފަލަސްތީން ރައްޔިތުން އެމީހުންގެ ހައްގުތަކާއި މިނިވަން ދައުލަތެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ފަލަސްތީންގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮލަށް ކެނޑިނޭޅި އަޑުއުފުލާނެ ކަމުގައިވެސް ޒަމީރު ވިދާޅުވެފައިވެ އެވެ.
ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ވޮޝިންޓަނަށް ވަޑައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި މިނިސްޓަރު ވަޑައިގަތުމަށް ހަމަޖެހިފައިވާ އެމެރިކާގެ ސްޓޭޓްތަކުގައި ދިރިއުޅޭ ދިވެހިންނާއި ޓުއާ އޮޕަރޭޓަރުންނާވެސް މިނިސްޓަރުގެ މިދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެއިތުުރުން އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްއާއި އދގެ ދަށުން ހިންގާ އެކިއެކި އެޖެންސީތަކުގެ އިސްވެރިންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.