ރެއާލް މެޑްރިޑް

ދަނޑު ހެދި މީހުނަށް މެޗަށް ދައުވަތު ދީފި

ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް ސެންޓިއާގޯ ބާނަބެއު އަލުން ހެދުމަށް ފަހު ކުޅޭ ފުރަތަމަ މެޗަށް ދިއުމަށް ސްޓޭޑިއަމް ހެދި މީހުނަށް އެޓީމުން ދައުވަތު ދީފި އެވެ.

ސްޓޭޑިއަމް ހެދުމުގައި ބައިވެރިވި ޕެއިންޓަރުންނާއި، ތަން ސާފު ކުރާ މީހުން ފެށިގެން އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް އެޓީމުން ވަނީ މެޗު ބެލުމަށް ދައުވަތު ދީފަ އެވެ.

އެ މީހުންނަށް ދައުވަތު ދީފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ސެލްޓާ ވީގޯ ކުޅޭ ލަލީގާގެ މެޗު ބެލުމަށެވެ.

ރެއާލް މެޑްރިޑުން ބުނީ ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދަނޑު ހެދުމަށް ފަހު ކުޅޭ ފުރަތަމަ މެޗަށް ހާޒިރުވުމަށް ދައުވަތު ދިނީ އެމީހުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

ސްޓޭޑިއަމް ހެދުމުގައި ހަރަކާތްތެރިވި ޕެއިންޓަރަކު ދިން ޓީވީ އިންޓަވިއު އެއްގައި އޭނާ ބުނީ މިއީ އެމީހުން އުއްމީދު ނުކުރާ ކަމެއް ކަމަށާއި މި ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަަށެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ހެދި އިރު އެޓީމުގެ ފަރާތުން މިފަދަ ކަމެއް ކޮށްފައި ނުވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ރެއާލް މެޑްރިޑް މިވަގުތު އޮތީ ހަތް ޕޮއިންޓާއި އެކު ލަލީގާގެ ތާވަލުގެ އެއް ވަނައިގަ އެވެ. އެ ޓީމުން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ކޮށްފަ އެވެ.