މި އޮކްޓޫބަރު މަހަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ނާކާމިޔާބު މަހެކެވެ.
އޮކްޓޫބަރު މަހާއި ދިމާކޮށް ރެއާލްއަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭތާ މިއީ ހަތަރު ވަނަ އަހަރެވެ. ކޮންމެ ސީޒަނެއްގައި ކިތަންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރެއާލްއަށް އޮކްޓޫބަރު މަސް ވެގެން ގޮސްފައި ވަނީ ދަތި އުނދަގޫ މަހަކަށެވެ.
އިޓަލީގެ ކޯޗު ކާލޯ އެންޗެލީޓޯގެ އިރުޝާދުގެ ދަށުން ރެއާލުން މިފަހަރުގެ ސީޒަން ފެށީ ވަރަށް ރަނގަޅަށެވެ. އެގޮތުން މި ސީޒަނުގައި ކުޅުނު ފުރަތަމަ ހަތް މެޗުގެ ތެރެއިން ހަ މެޗު އެ ޓީމުން ކާމިޔާބު ކުރިއިރު، އެއް މެޗުން ވަނީ އެއްވަރު ވެފަ އެވެ.
އެކަމަކު މިދިޔަ ސެޕްޓެމްބަރު މަސް ނިމެނިކޮށް ރެއާލުން ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފަ އެވެ. ލަލީގާގައި ވިޔަރެއާލް އާއި ބައްދަލުކުރި މެޗުން އެއްވަރުވި އިރު، ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފއިވި ޝެރިފް އަތުން ރެއާލް ވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި އޮކްޓޫބަރު މަސް ފެށުނުތަނާ އެސްޕަންޔޯލް އަތުން ބަލިވެ ރއާލުން މޮޅުނުވާ މެޗުގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ.
ރެއާލްގެ ކޯޗު އެންޗެލީޓޯ މިހާރު ތަހައްމަލު ކުރަމުން ދަނީ ހޫލެން ލޮޕަޓެގީ އާއި ޒިދާން ވެސް ކަޑައްތު ކުރި ދުވަސްތަކެވެ.
ލޮޕަގެޓީގެ ކޯޗު ކަމުގެ ދަށުގައި 2018/19 ވަނަ ސީޒަންގައި ރެއާލުން އައީ މޮޅު ކުޅުމަކާއެކު ރަނގަޅު ނަތީޖާ ތަކެއް ހޯދަމުންނެވެ. އެކަމަކު އެފަހަރުގެ އޮކްޓޫބަރު މަހަށް އެޅިތަނާ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ލަލީގާގައި ކުޅުނު ތިން މެޗާއި ޗެމްޕިއަންސް ލީގުގައި ކުޅުނު އެއް މެޗެވެ. މީގެ ތެރެއިން ބާސެލޯނާ އަތުން 5-1 އިން ރެއާލް ބަލިވި މެޗު ފާހަގަ ކުރެވެ އެވެ. މި ނަތީޖާ އާއެކު ލޮޕަގެޓީ ވަނީ ރެއާލްގެ ކޯޗު ކަމުން ވަކި ކޮށްފަ އެވެ.
އޭގެ ފަހުން ދެން ރެއާލްގެ ކޯޗު ކަމާއި ހަވާލުވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒިދާނަށް ވެސް ކުރިމަތިލާން ޖެހުނީ މިފަދަ "ރަތް" އޮކްޓޫބަރަކާ އެވެ. ލަލީގާގައި ރެއާލުން ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރު ވެފައި ވަނިކޮށް އޮކްޓޫބަރު މަސް ރެއާލްއާއި ކުރިމަތިލީ ހިތްދަތި ގޮތަކަށެވެ. ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫގާ އާއި ރެއާލް އެއްވަރު ވިއިރު، އަލަށް ޕްރޮމޯޓްވި މަޔޯކާ އަތުން ރެއާލް ވަނީ ބަލިވެފަ އެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން ޒިދާނަށް އަމާޒުވި އެވެ.
މިދިޔަ ސީޒަނުގައި ވެސް ޒިދާނު ވަނީ މިކަމާއި ކުރިމަތިލާން ޖެހިފަ އެވެ. ލަލީގާ ކާމިޔާބު ކުރިތާ ތިން މަސް ފަހުން ކާޑިޒް އާއި ޝަކްތާރް އަތުން ރެއާލް ވަނީ ބަލިވެފަ އެވެ.
މިއަހަރު ވެސް ރެއާލުން އެއަންނަނީ މި މައްސަލައާއި ކުރިމަތި ލަމުންނެވެ. ހަމަ ޔަގީނުން ވެސް އިންޓަނޭޗަނަލް ބްރޭކަށް ފަހު އަލުން ލީގުގެ މެޗު ތަކަށް ނިކުންނައިރު އެންޗެލީޓީގެ އިތުރުން ރެއާލްގެ ކުޅުންތެރިން ވެސް މި މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރާނެ އެވެ.