އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް މިސްރަށް ވަޑައިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ ބައްދަލު ކުރައްވައިފި އެވެ. މިއީ އިޒްރޭލުގެ ވެރިއަކު ޒަމާންތަކަކަށް ފަހު މިސްރަށް ކުރެެއްވި ފުރަތަމަ ދަތުރެވެ.
ޚަބަރުތައް ބުނާ ގޮތުން ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ވަރަށް ގިނަ މައުލޫތަކަށް މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ސަރަހައްދީ މައުލޫތައް ގިނަ އެވެ. މައިގަނޑު ގޮތެއްގައި އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދަން މަސަައްކަތް ކުރުމާއި ލުބްނާންގައި މަސްލަހަތު ގެއްލިފައި އޮތް އޮތުމާ ބެހޭ ގޮތުން ދެ ބޭފުޅުންނަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން ބަސް ވިދާޅުވި އެވެ.
މިސްރުގެ ރައީސްއާ ބައްދަލު ކުރައްވައި ބެނެޓް ވަޑައިގެންނެވި މަގުމަތީގައި އޮފިޝަލުންނާ މުޚާތަބު ކުރައްވައި ސީސީއަށް ހެޔޮބަސް ވިދާޅުވި ކަމަށްވެ އެވެ. އަދި މިސްރަކީ އިޒްރޭލަށް މެދުއިރުމަތިގައި ނާރެހެއް ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނާއި ލުބްނާނާއި ހަމާސް އަދި ހިޒްބުﷲ ފަދަ ޖަމާއަތްތަކާއެކު މިސްރުން ވަރަށް ގާތް ގުޅުމެއް ގެންގުޅެ އެވެ. މިސްރަކީ މެދުއިރުމަތީގައި އިޒްރޭލާ ވެސް އެހައި ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ.
ބެނެޓް ވިދާޅުވި ގޮތުގައި މިސްރަކީ އިޒްރޭލަށް ވަރަށް މުހިންމު ގައުމެކެެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން ހެޔޮގޮތުގައި އޮންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށާއި މިސްރާއެކު އޮތް ގުޅުމަކީ ގެއްލުވާލައިގެން ވާނެ ފުރުސަތެއް ނޫން ކަމަށެވެ.
ސީސީއާ ބެނެޓް އެއްމޭޒު ދޮށުން ބައްދަލު ކުރެއްވިއިރު އިޒްރޭލުން ގެންދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. އިޒްރޭލުން ފަލަސްތީނަށް ދޭ ގެއްލުތަކަށް ދެ ބޭފުޅުންގެ މަޝްވަރާއިން އަދި ހައްލެން ނެތް ނަމަވެސް އަސީރުން ބަދަލު ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ބެނެޓް، ސީސީގެ އަރިހުގައި ވިދާޅުވީ ހަމާސްއިން އެ ކުރާ ޖެއްސުން ހުއްޓާލައިފި ނަމަ އިގުތިސޯދީ ގޮތުން ޣައްޒާއަށް ރަނގަޅުވާނެ ކަމަށެވެ.
ބެނެޓާއި ސީސީ އިތުރުށް ދެއްކެވި ވާހަކަތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމާއި ޓޫރިޒަމް އަދި މިސްރާ ޓެލްއަވީވްއާ ދެމެދު އެއާލައިން ދަތުރުތައް ފަށުމާ ބެހޭ ވާހަކަތައް ހިމެނެ އެވެ.