އަބްދުﷲ ޝާހިދު

ޝާހިދު؛ ރާއްޖެ ގޮވައިގެން ތާރީހުގެ ތެރެއަށް

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ދިވެހި ގައުމު މިފަދަ ލެވެލްއެއްގައި ތަމްސީލުވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

ޝާހިދު ރިޔާސަތާއި ހަވާލުވެ ވަޑައިގެންނެވުމާއެކު އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ވަނީ ފެށިގެން ގޮސްފަ އެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރީން މިނިސްޓަރު ޝާހިދު ވަނީ ތަގުރީރެއް ކުރައްވާފައެވެ.

އާންމު މަޖިލީހަށް ރައީސަކު ހޮވަން މިދިޔަ ޖޫން މަހު ނެގި ވޯޓުގައި މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.

އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.

އަބްދުﷲ ޝާހިދުގެ ކުރު ތައާރަފެއް
ދަރަވަންދޫގޭ މޫސާ ޖަމީލްގެ އަބްދުﷲ ޝާހިދު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބާއި ސިޔާސަތުގެ އާއިލާއަކަށެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީއަކީ މިނިސްޓަރުގެ ބޮޑުބޭބެ އެވެ. ރިހި ދުލުގެ ވެރިޔާ އިބްރާހިމް ޝިހާބަކީ ޝާހިދުގެ ބައްޕައާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭގެ ފަހަށް ޝާހިދު ވަނީ މޮޅަށް ކިޔަވާ ވިދާޅުވެ އަދި މަތީ ތައުލީމް ހާސިލް ކުރައްވާ ރާއްޖޭގައި ވާހަކަ ދެއްކުމުގެ ގައުމީ ފުރަތަމަ އަދި ތާރީހީ މުބާރާތުން އެއްވަނަ ހޯއްދަވާފަ އެވެ.

ސްކޫލް ނިންމެވި ގޮތަށް އަބްދުﷲ ޝާހިދު ފުރަތަމަ ވަދެވަޑައިގެންނެވީ ވެސް ފޮރިން މިނިސްޓްރީއަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ރާއްޖޭގެ ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ވެސް ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

އދ ގެ މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭން ޖެހޭ ކަމަށް ދެކެވަޑައިގެން ޝާހިދުގެ ކެންޕެއިން ބިނާ ކުރެއްވީ "އުންމީދުގެ ރިޔާސަތު" އެ ނަމަށެވެ. އަދި އެ "އުންމީދުގެ ރިޔާސަތު ބިނާކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށެވެ.

"އުންމީދުގެ ރިޔާސަތު ބިނާ ކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީ،" އަވަސްއަށް ކުރިން ދެއްވި އިންޓަވިއުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.