މޯލްޑިވްސް ޕޮލިސް ސާވިސް

ބަރަހަނާކޮށް އަނިޔާކުރި މައްސަލަ ދަނީ ބަލަމުން

ގެސްޓްހައުސްއެއްގެ ތެރޭގައި ޒުވާން ފިރިހެނަކު ބަރަހަނާކޮށް އަނިޔާކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ގުރޫޕަކުން އެ ޒުވާނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެއް ވީޑިއޯގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަދި އިންޒާރުދޭ މަންޒަރުވެސް ފެނެއެވެ. އެ ވީޑިއޯގައި ދެން ފަހަރަކުން ބަރަހަނާ ކޮށްލާނެ ކަމަށްވެސް ބުނާ އަޑު އިވެއެވެ.

އޭގެ ފަހުން އާންމުވި ވީޑިއޯގައި އެ ޒުވާނާ ބަރަހަނާކޮށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަދި ލަދުވެތި ގުނަވަން ދައްކަން މަޖުބޫރު ކުރުވައެވެ. އެ މީހުން އޭރު ގެންދިޔައީ އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެގޮތުން މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށްވެސް މި ތަހުގީގުގެ ތެރެއިން ބެލިގެންދާނެ،"

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މައްސަލަ ހުށައެޅި މީހާއަށް މައުލޫމާތު ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.