- ބޭހުގެ އަގު ހެޔޮވާނެ ކަމަށް އެސްޓީއޯއިން ބުނޭ
- މައިގަނޑު ބޭނުމަކީ 186 ބޭސް ފިހާރައަށް ބޭސް ހޯދުން
ދުނިޔޭގެ އެންމެ ބޮޑު ބޭސް އުފައްދާ އެއް ކުންފުނި ކަމަށްވާ "މާކް އެންޑް ކޯ" އިން އެސްޓީއޯ އަށް ބޭނުންވާ ބޭސް ފޯރުކޮށްދޭން އެއްބަސްވެއްޖެ އެވެ.
އެސްޓީއޯ މެޑިކަލްސްގެ ޖެނެރަލް މެނޭޖަރު ހުސެއިން ސޮބާހު ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ 186 ބޭސް ފިހާރައަށް ބޭނުންވާ ބޭސް ފޯރުކޮށްދޭން ޖަރުނަމުގެ "މާކް" ކުންފުންޏާއެކު ޖޫން މަހު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ރަށްރަށުގައި ގާއިމްކޮށްފައިވާ ބޭސް ފިހާރަތަކަށް ބޭނުންވާ ބޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
"މިހާރު އެސްޓީއޯގެ 186 ފާމަސީއަށް ބޭނުންވާ ވަރަށް ބޭސް ހޯދަން ގޮންޖެހުންތަކާ ކުރިމަތިވޭ. އެކަންތައް ހައްލު ކުރުމުގެ ގޮތުން ގްލޯބަލް ލެވަލްގައި ޓޮޕް ޓެން މެނުފެކްޗާރާއާ އެޓޭޗުވީ. މިހެންވުމުގެ ސަބަބުން ސަޕްލައި އެންޝުއަ ވާނެ. ސްޓޮކް އައުޓް ސިޗުއޭޝަން ދިމާވުން ކުޑަ ކުރެވޭނެ،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާކް ކުންފުނިން ބޭސް ފޯރުކޮށް ދިނުމުން ހެޔޮއަގުގައި ބޭސް ލިބުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.
"ކުރީގަ މި ޖެހެނީ އިންޓަ މީޑިއެޓް ފަރާތެއް މެދުވެރިކޮށް ބޭސް ހޯދަން. އެހެންވެ މިއީ ލިބޭ ޔަގީންކަމެއް،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖެއަށް ކުރިން ނުލިބޭ ގިނަ އަދަދެއްގެ ބޭސް ރަޖިސްޓްރީ ކުރަން ވެސް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
"މި އެއްބަސްވުމުން ސީދާ މެނުފެކްޗަރާ އަތުން މޯލްޑިވްސް ފުޑް އެންޑް ޑްރަކް އޮތޯރިޓީއަށް ހުށަހަޅަން ބޭނުންވާ ޑޮކިއުމެންޓްތައް ލިބޭނެ،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާކްއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޑޮކްޓަރުންނަށް މެޑިކަލް ދާއިރާގެ މައުލޫމާތު ދިނުމަށް ވެސް ހަރަކާތްތައް ހިންގޭނެ ކަމަށެވެ.
"ޑޮކްޓަރުންނަށް ބޭނުންވާ ސިމްޕޯޒިއަމްތައް ބޭއްވޭނެ. މިއީވެސް ލިބޭ ފައިދާއެއް،" ސޮބާހު ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ ބޭހާ ގުޅޭ ގޮތުން އަންނަ ޝަކުވާތައް ބެލުމަށް ހާއްސަ ނިޒާމެއް ގާއިމްކޮށްފަ އެވެ. "ރައްކާތެރި ބޭސް، އެސްޓީއޯގެ ޒިންމާ" މި ޝިއާރުގެ ދަށުން ބޭހުން ނޭދެވޭ އަސަރެއްކުރާ ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓު ކުރެވޭ ފަދަ ނިޒާމެއް ތައާރަފުކޮށްފަ އެވެ.
ސޮބާހު ވިދާޅުވީ މާކް ކުންފުންޏާ ގުޅިގެން އެފަދަ މައްސަލަތައް ތަހުގީގު ކުރެވިގެންދާނެ ކަމަށެވެ.
މާކް ކުންފުންޏަކީ ދުނިޔޭގައި ބޭސް އުފައްދާ ފަސްވަނައަށް އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ އަހަރު 165 ބިލިއަން ޑޮލަރުގެ ބޭހުގެ ވިޔަފާރިކޮށްފައިވެ އެވެ.