ކ. ފުނަދޫގައި ހުރި އެސްޓީއޯގެ ފިއުލް ފާމް ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައިވާތީ އެ މަސައްކަތަށް ކޮންސަލްޓެންޓެއް ނަގައިގެން، ތިލަފުށީގައި ހަދަންޖެހޭ ތަނުގެ ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ފާމް ތިލަފުށްޓަށް ބަދަލުކުރަން އެ ރަށުން ލިބިފައިވަނީ "ރަނގަޅު ސައިޒެއް ބިމެއް" ކަމަށެވެ. އަލަށް ލިބުނު ބިން ހިމެނޭ ސަރަހައްދުގައި ފުނަދޫގައި މިހާރު އޮތް ބަނދަރަށް ވުރެ ބޮޑު ބަނދަރެއް ހެދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލުގެ ނިސްބަތް އިތުރުވަމުންދާއިރު ފުނަދޫގައި ހުރި ތެޔޮ ފާމުގެ ޖާގަ ކުޑަ ކަމަށެވެ. އެހެންކަމުން ތިލަފުށީގައި ތެޔޮ ފާމު ގާއިމުކުރާއިރު ރާއްޖެއަށް ތެޔޮ ބޭނުންވާ މިންވަރަށް ބަލައިގެން ސްޓޯރޭޖު ގާއިމުކުރާނެ ކަމަަށްވެސް ވިދާޅުވި އެވެ.
"މުޅި މި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެއަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލާނަން،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިލަފުށި މަޝްރޫއު ނިމޭނީ މަސައްކަތް ފަށާތާ 18 ނުވަތަ 24 މަސް ދުވަހުން ކަމަށެވެ. ތިލަފުށި ތެޔޮ ފާމު އޮޕަރޭޝަނަށް ގެނެވުމުން ތެލުގެ އަގަށް ރަނގަޅު ބަދަލެއް ގެނޭވެނެ ކަމަށްވެސް ޝިމާދު އުއްމީދުކުރައްވަ އެވެ.
ފުނަދޫގައި އެސްޓީއޯ އިން ހިންގަމުން ދިޔަ ފިއުލް ފާމް އެންމެ ފުރަތަމަ ބަދަލުކުރަން ނިންމީ އެޗްޑީސީއަށް ދީފައި އޮތް ކ. މާގިރިފަޅަށެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ނިންމުން ފަހުން ބަދަލުކުރީ ފިއުލް ފާމް ބަދަލުކުރުމަށް މާގިރިފަޅު ހިއްކުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު އެވެ.
މި އެސެސްމަންޓް ހެދުމުން މާގިރިފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ފުން ސަރަހައްދަކަށްވެފައި އެ ތަން ހިއްކައިފިނަމަ އެ ސަރަަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން އެނގިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ކުރިން އަވަސްއަށް ވިދާޅުވި އެވެ.
"އެހެންވެ އެކަމަށް ބަލާފައި އަޅުގަނޑުމެން މިހާރު މިވަނީ މިމަޝްރޫއު ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯގެ ފިއުލް ފާމް މިހާރު ހަދަން ނިންމާފައިވާ ތިލަފުށްޓަކީވެސް އެޗްޑީސީ ބަލަހައްޓަމުންދާ ރަށެކެވެ.
ފުނަދޫ ހުސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްގީ ކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމާފައިވެ އެވެ.
ފުނަދޫގައި އެސްއީޒެޑް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ -- އިފްޒާ އާއެކު ދިވެހި ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފަ އެވެ.