ބަންކަރިން ހިދުމަތް

ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށާނަން: އެސްޓީއޯ

ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ ހިދުމަތެއް ކަމަށްވާ ބަންކަރިން ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތަކީ އެސްޓީއޯ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އަންނަ ބުރާސްފަތި ދުވަހު ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މި ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ނިންމާފައި،" އެސްޓީއޯ އިން ބުންޏެވެ.

ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް ބުނެ މީގެ ކުރިންވެސް ސަރުކާރުން ދެ ތާރީހެއް ދިނެވެ. ނަމަވެސް އެ ދެ ފަހަރުވެސް ހިދުމަތް ފެށޭ ގޮތެއް ނުވި އެވެ.

އެސްޓީއޯ އިން ބުނީ ބަންކަރިން ހިދުމަތުގެ އިތުރުން އެހެނިހެން އެހީތެރިކަމުގެ ހިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައްވެސް އެ ސަރަހައްދުގައި ފޯރުކޮށްދޭނެ ކަމަށެވެ. މިހާރުވެސް ބަންކަރިން ހިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"އަދި މިއާއެކު މި ހިދުމަތް ފެށި އިތުރަށް ފުޅާކޮށް، އިތުބާރުހުރި ހިދުމަތަކަށް ހެދުމާއެކު މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" އެސްޓީއޯ އިން ބުންޏެވެ.

ރާއްޖެ ހިމެނޭ އިންޑިއަން ސަބް ކޮންޓިނެންޓް ސަރަހައްދުގައި ބަންކަރިން ހިދުމަތް މިވަގުތު ފޯރުކޮށްދެމުން ދަނީ ސްރީލަންކާ އަދި އިންޑިއާގެ ބަނދަރުތަކުގައެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް ރާވާފައިވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" އަށެވެ. މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިން އެކެވެ. ކުރީގައި ނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން ދިޔައީ ސްރީލަންކާގެ ކޮލަންބޯ ގައެވެ. އެއީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރިން ލިބެން ނުހުންނާތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވައިސީ ބެރިޔާ އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެ އެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ހުރެ އެވެ.