ބަންކަރިން ހިދުމަތް

ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރާ ބިޔަ އުޅަނދެެއް ރާއްޖެ ގެނެސްފި

ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރަން އެސްޓީއޯ އިން ހޯދާފައިވާ އުޅަނދެއް ރާއްޖެ ގެނެސްފި އެވެ.

ކުޅުދުށްފުށި ބަނދަރަށް މިހާރު ކައިރިކޮށްފައިވާ މި އުޅަނދަކީ 4،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރެވޭ އުޅަނދެކެވެ.

މީގެ ދެވަނަ އުޅަނދެއް މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ގެނައުމަށްވެސް އެސްޓީއޯ އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް އުޅަނދުތައް މީގެކުރިންވެސް ވަނީ ކުޅުދުށްފުށްޓަށް ގެންގޮސްފަ އެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި ހިދުމަތް ދޭނީ ހޯރަފުށީ ފަރާ ދިމާލުންނެވެ.

އޮފްޝޯކޮށް ދޭ މި ހިދުމަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އާއި އެމްޕީއެލް އެވެ. އޮފްޝޯކޮށް ހިދުމަތް ދޭއިރު ބަނދަރެއް ނެތް ނަމަވެސް ކަނޑު މަތިން ސީދާ ބޯޓު ތަކަށް ބޭނުންވާ ހިދުމަތް ދެވޭނެ އެވެ.

ބަންކަރިންގެ ހިދުމަތް ފަށާތީ އުތުރުގައި -- ހއ. އިހަވަންދޫގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ޖުމްލަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު އަހަރަކަށް. އެ އަދަދަށް އިތުރު 400 މިލިއަން ޑޮލަރު -- 6.2 ބިލިއަން ރުފިޔާ ފުރަތަމަ އަހަރުން ފެށިގެން ވަދެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.