ބަންކަރިން ހިދުމަތް

ބަންކަރިން ހިދުމަތް ހޯދުމަށް ޕެނަމާ ބޯޓެއް އަންނަނީ

ބަންކަރިން ހިދުމަތާއެކު އިހަވަންދިއްޕޮޅުގައި ފަށާފައިވާ މެރިޓައިމް ހިދުމަތްތައް ހޯދުމަށް ޕެނަމާގެ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިހަވަންދިއްޕޮޅުގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކްޓްސް ޓޭންކަރެކެވެ.

މި ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް ހިދުމަތް، ފްރެޝް ވޯޓާ ބަންކަރިން، ކުރޫ ބަދަލުކުރުމާއި، ކާބޯތަކެތި ސަޕްލައި ކޮށްދިނުމާއި، ސްޕެއާ ޕާޓްސް ސަޕްލައި ކޮށްދިނުންވެސް ހިމެނެ އެވެ. ކުރޫ ބަދަލުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ ހަ ކުރޫއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް ޕެނަމާ ބޯޓަށް އަރުވައިދިނުމާއި، ޕެނަމާ ބޯޓުގައި ތިބި ކުރޫންގެ ބަޔަކު ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން ހިމެނެ އެވެ.

ޕެނަމާ ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ކުންފުނިތައްވެސް ބައިވެރިވެ އެވެ.

އެމްޕީއެލް އިން ބުނީ މިބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއް ކަހަލަ މެއިންޓަނަންސް މަސައްކަތްތައް ކުރަންޖެހޭތީ، ލަފާކުރެވޭ ގޮތުން ފަސް ވަރަކަށް ދުވަހު މިބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާނެ ކަމަށެވެ. އެގޮތަށް ކަންކަން ވެއްޖެނަމަ އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށްވެސް އެމްޕީއެލް އިން ބުނެ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.