އުލިގަން

ބަންކަރިންގެ ހިދުމަތާއެކު ތަރައްގީއަށް ކުރާ އުއްމީދު ބޮޑު: މުއާޒު

ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށުގެ ތަރައްގީއާއި އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް ހއ. އުލިގަން ކައުންސިލުން ބުނެފި އެވެ.

ސަރުކާރުން މި ހަފްތާގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފެށުމަށްް ތައްޔާރުވަމުންދާއިރު އުލިގަމަކީ މި ހިދުމަތް ދިނުމުގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި ވަސީލަތްތައް ގާއިމުކުރާ އެއް ރަށެވެ.

ބަންކަރިންގެ ހިދުމަތުގެ ތެރޭގައި އެކި މަސައްކަތްތައް ހިމެނޭއިރު މިމަޝްރޫއުގެ ބައެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް އުލިގަމުން ވަނީ 4،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒު ވިދާޅުވީ އެމްޕީއެލްއަށް ދީފައިވާ ބިމުގައި މިހާރުވެސް މަސައްކަތްތަކެއް ހިނގަމުންދާ ކަމަށެވެ. އެގޮތުން ތަފާތު ކޮންސެޕްޓަކަށް އެތަނުގައި މިހާރުވެސް އިމާރާތެއް ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ބަންކަރިންގެ ހިދުމަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ދެ އިދާރާއެއް ކަމަށްވާ މޯލްޑިވްސް ކަސްޓަމްސްއާއި މޯލްޑިވްސް އިމިގުރޭޝަންގެ މަސައްކަތްތަކެއް ވެސް އެރަށުގައި ހިނގަމުންދާ ކަމަށެވެ.

މުއާޒު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމާ އެކު އުލިގަމުގައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި އޭގެ ބައެއް ފުރުސަތުތައް އުލިގަމު ރައްޔިތުންނަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ކަސްޓަމްސް އިން ހަތް ވަޒީފާއެއް އިއުލާނުކުރާނެ ކަމަށް މައުލޫމާތު ލިބޭ. އަދި އިމިގްރޭޝަނުންވެސް ވަޒީފާތަކެއް އިއުލާނުކުރާނެ. އެކަމަކު އަދި ސީދާ އަދަދެއް ނޭނގޭ. ބަންކަރިންގެ ހިދުމަތުގެ ބައެއް ކަނޑުގައިވެސް ދޭނެ ކަމަށްވާއިރު އެކަމުންވެސްް އުލިގަމަށް ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ،" މުއާޒު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތާ އެކު އުލިގަމުގައި އެމްޕީއެލް އިން ތަރައްގީކުރަން ނިންމާފައިވާ "އުލިގަން މެރީނާ ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް އެމްޕީއެލް އިން ފުރުސަތުވެސް ހުޅުވާލި އެވެ.

އެމްޕީއެލް އިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އުލިގަން މެރީނާ ޕްރޮޖެކްޓްގައި މައިގަނޑު ހަ ބައެއް ހިމެނެ އެވެ. އެއީ ޔޮޓް މެރީނާއަކާއި، ކުރޫޒް ޓާމިނަލަކާއި، ވެސަލް ޑޮކިން ފެސިލިޓީއަކާއި، އުލިގަން ޕޯޓް ފެސިލިޓީއާއި، ސިޓީ ހޮޓެލްގެ އިތުރުން ކެފޭ އާއި ރެސްޓޯރަންޓްވެސް ހިމެނެ އެވެ.

އުލިގަން މެރީނާ ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަޝްރޫއެއް ކަމަށްވެސް އެމްޕީއެލް އިން ބުނެ އެވެ.