އުލިގަން

އުލިގަން މެރީނާ މަޝްރޫއަށް ހަ ފަރާތަކުން ޝައުގުވެރިވެއްޖެ

ހއ. އުލިގަމުގައި ތަރައްގީކުރަން ނިންމާފައިވާ "އުލިގަން މެރީނާ ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް މިކަން ހާމަކުރެއްވީ އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އުލިގަން މެރީނާ ޕްރޮޖެކްޓަށް ކުރިމަތިލި ހަ ފަރާތަކީވެސް ބޭރުގެ ފަރާތްތަކެކެވެ.

"އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ކޮންމެވެސް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރާނަން،". ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލް އިން މިދިޔަ މަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އިއުލާންގައިވާ ގޮތުން އުލިގަން މެރީނާ ޕްރޮޖެކްޓްގައި މައިގަނޑު ހަ ބައެއް ހިމެނެ އެވެ. އެއީ ޔޮޓް މެރީނާއަކާއި، ކުރޫޒް ޓާމިނަލަކާއި، ވެސަލް ޑޮކިން ފެސިލިޓީއަކާއި، އުލިގަން ޕޯޓް ފެސިލިޓީއާއި، ސިޓީ ހޮޓެލްގެ އިތުރުން ކެފޭ އާއި ރެސްޓޯރަންޓެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޔޮޓް މެރީނާ ހެދުމަށް މަޖުބޫރުކޮށްފައިވާއިރު މި މަޝްރޫއުގައި ދެން ހިމެނޭ ކޮންމެވެސް އެއް ބައެއް ނުވަތަ ދެ ބައެއްގައި ހިމެނޭ މަސައްކަތްތައްވެސް ކުރަންޖެހެ އެވެ.

އެމްޕީއެލް އިން ބުނީ އުލިގަން މަޝްރޫއުގައި ހިމެނޭ ބައިތަކުގެ މަސައްކަތްތައް ފެށުމާއެކު ގިނަ އަދަދެއް ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވި އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތައް އުތުުރުގެ ރަށްތަކަށް އަންނާނެ ކަމަށެވެ.

އުލިގަން މެރީނާ މަޝްރޫއަކީ ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރާ ބޭރުގެ ކާގޯ ބޯޓުތަކާއި ސަފާރީތަކާއި އަދި ޔޮޓްތަކަށް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެ ތަންތަނުން ހިދުމަތް ދީގެން ބޮޑު އާމްދަނީއެއް ހޯދުމެވެ. އުލިގަން މެރީނާ މަޝްރޫއު ހަގީގަތަކަށް ވުމުން ރާއްޖެއަކީ ކާގޯ ބޯޓުތަކާއި ސަފާރީތަކާއި އަދި ޔޮޓްތަކަށް ހިދުމަތް ދޭ "ޕްރިމިއަ" މަންޒިލަކަށް ވާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތުދެ އެވެ.

އުލިގަމް ޔޮޓް މެރީނާ އެޅުމަށް ބޭނުންވާ ބިން އެ ރަށު ކައުންސިލުން ވަނީ މިމަހުގެ ދެވަނަ ދުވަހު އެމްޕީއެލްއަށް ހަމަޖައްސައިދީފަ އެވެ.

އުލިގަން މެރީނާ ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަޝްރޫއެކެވެ.