ރޯދަ މަހުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ މުޅި ދުވަހު މަސައްކަތް ކޮށްގެން 150 ކޮންޓެއިނަރު ކުލިއާ ކުރަން ނިންމާފައިވާއިރު "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރެވޭނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މުދާ ކުލިއާ ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޕެރިޝަބަލް މުދާ އަވަހަށް ކްލިއާ ކުރުމަށް ކަމަށެވެ.
އިލްޔާސް ވިދާޅުވީ އެމްޕީއެލްގެ ބަނދަށް ޖާގައިގެ ދަތިތައް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ މުދާ ބާލައި ކްލިއާކުރުމަށް ދަތިތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކޮންޓެއިނަރު ޓާމިނަލްއެއް ހަދަމުންދާ ކަމަށް ވިދާޅުވި އެވެ.
އެމްޕީއެލްގެ ބަނދަރުގައި ކުރިން 3،000 ކޮންޓެއިނަރު ބެހެއްޓުނު ނަމަވެސް މިހާރު އެ ސަރަހައްދުގައި 5،100 ކޮންޓެއިނަރު ބެހެއްޓޭ ކަމަށާއި އެކަމަކު އަދިވެސް ޖާގައިގެ މައްސަލަ އެބައޮތް ކަމަށް އިލްޔާސް ވިދާޅުވި އެވެ. މުދާ ބޭލުމަށް ބަނދަރަށް ކުރީގައި ދެ ބޯޓު ކައިރި ކުރެވުނު ނަމަވެސް މިހާރު ތިން ބޯޓު ކައިރި ކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.