މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރޯދައަށް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބަދަލު ގެނެސްފި

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ މަސައްކަތް ދެ މަސް ކުރިން ފަށާފައިވާ ކަމަށާއި ރޯދައާ ދިމާކޮށް އޮޕަރޭޝަންތަކަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއިއޯ ޝާހިދް އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ރޯދަ މަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ރޯދަ މަހަށް އަމާޒުކޮށްގެން މީގެ ދޮޅު މަސް ދުވަސް ކުރިން އެމްޕީއެލަށް އާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. ރޯދަ މަހަކީ އެމްޕީއެލް އަށް ބާރުބޮޑު ދުވަސްވަރަކަށް ވާތީ އިތުރު މުވައްޒަފުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މާލޭގެ ބަނދަރުގެ އޮޕަރޭޝަން ރަނގަޅަށް ކުރިއަށް ގެންދިއުމަށާއި އަވަހަށް މުދާ ހުސްކޮށް، މުދާ ބޭރުކުރުން އަވަސްކުރުމަށްޓަކައި އިތުރަށް 39 މުވައްޒަފުން ބޭނުންވާ ކަމަށެވެ. މިހާރު 15 މުވައްޒަފުންނަށް ވަޒީފާ ދީފައިވާ ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބޭނުންވާ ހުރިހާ މުވައްޒިފުން ނަގާ ނިމެނޭ ކަމަށެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ރާއްޖެ ގެންނަ މުދާ އިތުރު ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ. އެކަމަކު އެމްޕީއެލް އިން ހަމަޖައްސާ އިންތިޒާމުތަކާއި އެކު ބޮޑެތި ދަތިތަކެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ވަނީ ދެއްވާފަ އެވެ.

ޝާހިދު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް އެމްޕީއެލްގެ ގިނަ އުޅަނދުތަކެއް ވެސް މިހާރު މަރާމާތުކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވެސް މުދާ ހުސްކުރުން އަވަސް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރޯދަ މަހު އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މުދާ ބޭލުމަށްފަހު ރައްކާ ކުރާނެ އެކަށީގެންވާ ޖާގަ ބަނދަރުގައި ނެތުމެވެ. ނަމަވެސް މި އަހަރު އެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

"މުދާ ބާލާފައި ގުދަނުގައި ސްޓޯ ކުރާއިރު ޖާގައިގެ ދަތިކަން ކުރިން ދިމާވޭ. ރޯދަ އާއި ދިމާކޮށް މުދާ އެތެރެކުރާ މިންވަރު އިތުރުވެފައި ވާތީ މިހާރު ވަގުތީ ގޮތުން އިތުރު ސްޓޯރޭޖެއް ވެސް ވާނީ ހާދާފައި. އަދި އެ ސްޓޯރޭޖް ފުރުނު ކަމުގައި ވިޔަސް އެކަމަށް ވެސް ހައްލު ހޯދާނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި،" ޝާހިދު ވިދާޅުވި އެވެ.

ރޯދަ މަހު އެމްޕީއެލުގެ މަސައްކަތުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ރޭގަނޑު 10:30 އަށެވެ.