ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރަން އެސްޓީއޯ އިން ގެނައުމަށް ހަމަޖެހިފައިވާ ދެވަނަ އުޅަނދުވެސް ރާއްޖެ އަތުވެއްޖެ އެވެ.
އެސްޓީއޯ އިން ގެނައި ދެވަނަ ބޯޓު "މެރިން ބެއްލާ" މިހާރު ވަނީ ކުޅުދުއްފުށި ބަނދަރަށް ކައިރިކޮށްފަ އެވެ.
މީގެ ފުރަތަމަ ބޯޓު "މެރިން އެންޖަލް" ރާއްޖެ އައިސް ކުޅުދުށްފުށީގައި ބަނދަރު ކުރީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
އެސްޓީއޯ އިން ރާއްޖެ ގެނައި ދެ ބޯޓުގެ ތެރެއިން ކޮންމެ ބޯޓަކީ ވެސް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ. މިހިދުމަތުގައި ބޭނުންކުރަން އެމްޕީއެލް އިން ހޯދާފައިވާ އުޅަނދުތައްވެސް މިހާރު ވަނީ ކުޅުދުށްފުށްޓަށް ގޮސްފަ އެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުން މީގެކުރިން ދެ ފަހަރަށް ތާރީހެއް ދިން ނަމަވެސް އެ ހިދުމަތް އަދިވެސް ފެށިފައެއް ނުވެ އެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ އިހަވަންދިއްޕޮޅުގައި ހޯރަފުށީ ފަރާ ދިމާލު ކަނޑުމަތިންނެވެ.
އޮފްޝޯކޮށް ދޭ މި ހިދުމަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އާއި އެމްޕީއެލް އެވެ. އޮފްޝޯކޮށް ހިދުމަތް ދޭއިރު ބަނދަރެއް ނެތް ނަމަވެސް ކަނޑު މަތިން ސީދާ ބޯޓު ތަކަށް ބޭނުންވާ ހިދުމަތް ދެވޭނެ އެވެ.
ބަންކަރިންގެ ހިދުމަތް ފަށާތީ އުތުރުގައި -- ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިދާރީ އޮފީސް ވެސް ހަދަމުން ދަނީ އުލިގަމުގައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ޖުމްލަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު އަހަރަކަށް. އެ އަދަދަށް އިތުރު 400 މިލިއަން ޑޮލަރު -- 6.2 ބިލިއަން ރުފިޔާ ފުރަތަމަ އަހަރުން ފެށިގެން ވަދެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.
ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ މިހާރު ހިމަނާފައިވާއިރު ރާއްޖެ އޮންނަ ސަރަޙައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ.