ރާއްޖޭގެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ޕައިލެޓް ބޯޓާއި ޓަގް ބޯޓެއް ރާއްޖެ ގެނެސްފި އެވެ.
އުތުރުގައި ބަންކަރިންގެ ހިދުމަތް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް އަމާޒެއް ކަނޑައަޅައިގެން ސަރުކާރުން ގެންދަނީ އެކަމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެގޮތުން މި ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު އިއްޔެ ވަނީ ހދ. ކުޅުދުއްފުށްޓަށް ގެންގޮސްފަ އެވެ. މިއުޅަނދުތައް ކުޅުދުއްފުށި ބަނދަރަށް ވަނުމާ އެކު ވޯޓާ ސެލިއުޓެއްވެސް ދީފައިވެ އެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް އިމާރާތުގެ މަސައްކަތް މިމަހުގެ 15ގެ ކުރިން ނިންމާލުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ބަންކަރިންގެ ހިދުމަތް ފަށާތީ އުތުރުގައި -- ހއ. އިހަވަންދޫގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ޖުމްލަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު އަހަރަކަށް. އެ އަދަދަށް އިތުރު 400 މިލިއަން ޑޮލަރު -- 6.2 ބިލިއަން ރުފިޔާ ފުރަތަމަ އަހަރުން ފެށިގެން ވަދެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައިވެސް ސައީދު ވިދާޅުވެފައިވެ އެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.
މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔާ އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.