ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރު ވަނައަށް ކަރީމް ބެންޒެމާ ޖެހިލައިފި އެވެ.
މި ލިސްޓުގެ ހަތަރު ވަނައިގައި މީގެ ކުރިން އޮތް ރައުލް ގޯންޒާލެޒް ފަހައި ބެންޒެމާ ހަތަރު ވަނައަށް ޖެހިލީ ޗެމްޕިއަންސް ލީގުގައި ރޭ ޝެރިފް އާއި ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައިގެންނެވެ. ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް ބަލިވިއިރު، އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ބެންޒެމާ އެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރޭހުގައި ރައުލްގެ މައްޗަށް ބެންޒެމާ ކުރި ހޯދީ 72 ގޯލު ޖަހައިގެންނެވެ. މުބާރާތުގައި ރައުލް ޖަހާފަައި ވަނީ 71 ގޯލެވެ.
މި ރޭހުގެ އެއް ވަނައިގައި 135 ގޯލު ޖަހައިގެން އޮތީ ދާދި ފަހުން އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި މެސީ ޖެހި ގޯލާއި އެކު މެސީ ދެވަނައިގައި އޮތީ 121 ގޯލު ކާމިޔާބު ކޮށްގެންނެވެ. ބަޔާން މިއުނިކްގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީއަށް ތިން ވަނަ ލިބެނީ 75 ގޯލު ޖަހައިގެންނެވެ.
ބެންޒެމާ އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ފްރާންސްއަށް ނިސްބަތްވާ ކުޅުންތެރިޔާ އެވެ. އޭނާ އާއި އެންމެ ގާތް ކުރަނީ 50 ގޮލު ޖަހާފައިވާ އޮންރީ އެވެ.
މިފަހަރުގެ ސީޒަން ބެންޒެމާ ފަށާފައި ވަނީ ވަރަށް ކާމިޔާބު ކޮށެވެ. މި ސީޒނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާ ވަނީ ލަލީގާގައި މިހާތަނަށ ކުޅުނު މެޗު ތަކުގައި އަށް ގޯލު ޖަހައި ހަތް ގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ.
އުމުރުން 33 އަހަރުގެ ބެންޒެމާ އަކީ ރެއާލް މެޑްރިޑްގައި ފަސް ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ބެންޒެމާ، ރެއާލްއަށް 288 ގޯލު ކާމިޔާބު ކޮށްދީފައި ވާއިރު، ހަތަރު ވަނައިގައި ކާލޮސް ސެންޓިއާނާ އޮތީ 290 ގޯލު ޖަހައިގެންނެވެ. މި ލިސްޓުގެ ވެސް އެއް ވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޮ އެވެ. ރޮނާލްޑޯ 451 ގޯލު ޖެހިއިރު، ދެވަނައިގައި އޮތް ރައުލް ވަނީ 323 ގޯލު ޖަހާފަ އެވެ. ތިން ވަނައިގައި އަލްފްރެޑޯ ޑި ސްޓެފާނޯ އޮތީ 308 ގޯލު ކާމިޔާބު ކޮށްގެންނެވެ.