ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަކުގައި ގިނަ މަސައްކަތްތަކެއް ފުނިޖެހިފައިވާތީ މަސައްކަތްތައް އަވަސް ކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަނެއްކާ ވެސް އެދިވަޑައިގެންފި އެވެ.
އީވާ މިކަމަށް އެދިވަޑައިގެންނެވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށްފަހު ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް މިއަދު ފާސްކުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
އީވާ ވިދާޅުވީ ކޮމިޓީތަކުގައި މިހާރުވެސް 32 ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ބިލްތައް އެންމެ ލަސްވެގެން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް ފާސްކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމިޓީ ތަކުގައި ވަރަށް މުހިއްމު ބިލްތަކެއް ހުރިކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށަހަޅަން ބުނެފައިވާ ބިލްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކޮމިޓީ ތަކުން ދިރާސާކުރަންޖެހޭނެ ކަމަށެވެ.
"އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް މުގައްރިރުންނާއި މެމްބަރުންގެ ކިބައިން އެދެން،" އީވާ ވިދާޅުވި އެވެ.
ކޮމިޓީތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށްޓަކައި އަންނަ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ ހެނދުނު ފެށުމަށްފަހު އެ ދުވަހު މަޖިލީހުގެ ތަޅުމުގައި މުހިއްމު މަސައްކަތެއް ނެތް ނަމަ ކޮމިޓީތަކުގެ މަސައްކަތްތަކަށް އެ ދުވަސް ހާއްސަ ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އީވާ ވަނީ ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރާނެ މާބޮޑު ބަހުސެއް ނެތް ކަަމަށާއި މަޖިލީހުގެ ގިނަ މަސައްކަތްތައް ހުރީ ކޮމިޓީ ތަކުގައި ކަމަށް މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާގައި ވެސް އީވާ ވަނީ ވިދާޅުވެފަ އެވެ. އެހެންވެ ކޮމިޓީ ތަކުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެ ދުވަހު ވެސް ބާރުއެޅުއްވި އެވެ. އީވާ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ މިދައުރަށް ސަރުކާރުން ވަނީ 32 ބިލެއް ހުށަހެޅުމަށް ނިންމާފަ އެވެ.