ހަބަރު

ރާއްޖޭގެ ހުށަހެޅުންތަކުން ކުދި ގައުމުތަކުގެ ހައްގުތައް އިތުރަށް ހިމާޔަތްވާނެ: ރައީސް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އދ. އިން ބާއްވާ އެންމެ ބޮޑު ސަމިޓު ކަމަށްވާ "ކޮޕް21" ގައި ކުދި ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކޮށް ރާއްޖެ އިން ހުށަހަޅާ ފޮތަކީ ކުދި ގައުމުތަކުގެ ތިމާވެއްޓާ މެދު ވަކާލާތު ކުރާ ގުނަންތައް ކުރިއަށްއޮތްތަނުގައި އިތުރުކުރާނެ ފޮތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕެރިިހުގައި މިއަދު ފަށާ އދ.ގެ ތިމާވެށީގެ ބޮޑު ސަމިޓް ނުވަތަ ކޮޕް21ގެ ބައްދަލުވުމަކީ 2020އަށް އެކުލަވާލި ކިޔޯޓޯ މުއާދާގެ މުއްދަތު ހަމަވުމުން ދެން އަމަލު ކުރާނެ އެއްބަސްވުމެއް އެކުލަވާލަން ބާއްވާ ބޮޑު ސަމިޓެކެވެ. 190އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި ސަމިޓުގައި ގައުމުތަކުގެ ލީޑަރުން އެގައުމުތަކުގެ ނެޝަނަލް ޕްލޭންއާ ޑިމާންޑްތައް ހުށަހަޅައި ތަގުރީރުކުރައްވާނެ އެވެ.

މިއަދު ފަށާ ސަމިޓަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސްޓޭޓްމަންޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެއޮސިސްގެ ޗެއާގެ ހައިސިއްޔަތުން ކުދި ގައުމުތަކުގެ ހައްގުތަކަށްޓަކައި އެއޮސިސްއިން ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. މިއަދުގެ ސަމިޓަށް ހުށަހަޅަން ކުދި ގައުމުތަކުގެ ހައްގުތަކަށް ވަކާލާތްކޮށް ރާއްޖެއިން އެކުލަވާލި "މޯލްޑިވްސް ޑެކްލެރޭޝަން" ފޮތަކީ އެކަމުގެ ހެއްކެއް ކަމަށާއި އެ ފޮތުގެ ސަބަބުން އަންނަ އަހަރުން ފެށިގެން ކުދި ގައުމުތަކުގެ އެހީއަށް މަސައްކަތްކުރާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، މިއަދު ފަށާ ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނެތި ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް މުހިއްމު ސަމިޓަކަށް ވާނެ ކަމަށެވެ. ކުދި ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ހަރުދަނާ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ނެތި ހިނގައިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައިވާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރަން އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލެއްވި އެވެ.

ހޫނުމިން މައްޗަށް ދާ ދިއުމުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑަށް އައިސްފައިވާ ބަދަލުތަކާއި، އޭގެ ސަބަބުން ދިމާވަމުންދާ ގުދުރަތީ ހާދިސާތައް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފަ އެވެ. ޕެރިސް މުއާހަދާ އެކުލަވާލާއިރު އެފަދަ ކަންކަމަށް އަލިއަޅުވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޕެރިހުގެ އެއްބަސްވުމުގައި އެފަދަ ހާދިސާތަކަށް [މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާދިސާތައް] އަލިއަޅުވާލަން ޖެހޭ. ވަރަށް ހިއްވަރާ އަޒުމާ އެކީގައި އެކަން ފަށައިގަންނަން ހުރިހާ ބައިވެރިން ވެސް އެބަ ޖެހޭ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އަށްވުރެ ދަށގައި ބެހެއްޓުމަށް ވަރުގަދަ ހަރަކާތްތަކެއް އަހަރުން އަހަރަށް ހިންގަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މޫސުމަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ ކުޑަ މަސައްކަތަކުން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ނިކަން ވަރުގަދަ ބައިނަލް އަގުވާމީ މެކޭނިޒަމެއް އުފައްދައިގެން ކަމަށާއި، ހަގީގީ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ރާއްޖެއިން އަބަދުވެސް އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކަކީ، ގައުމުތަކުގެ އެކި ދާއިރާތަކުގެ ތަރައްގީއަށް މި ގަރުނުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެކެވެ.

މިއަދު ފަށާ ސަމިޓަށް ހުށަހަޅަން، ކުދި ގައުމުތަކުގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވަކާލާތުކޮށް ރާއްޖެއިން ވަނީ ފަސް ކަރުދާހުގެ މައްޗަށް އެކުލެވޭ ފޮތެއް "މޯލްޑިވްސް ޑެކްލެރޭޝަންގެ ނަމުގައި އެކުލަވާލާފަ އެވެ. އެފޮތުގެ ފުރަތަމަ ކޮޕީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީންއަށް ދެއްވާފަ އެވެ.

ރާއްޖެއަކީ ކުދި ގައުމުތަކުގެ ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރާ އދގެ އެއޮސިސް ޖަމިއްޔާގެ ޗެއާ އެވެ. ޕެރިހުގައި މިއަދު ފަށާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މިއަދު ފްރާންސް އަށް ފުރާވަޑައިގަންނަވާފަ އެވެ.