ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ އިންޑިއާ ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް ވިސާ ދެމުން އަންނަނީ ސަރުކާރުން ހަަމަޖައއސަވާފައިވާ ހާއްސަ އުސޫލުން ކަމަށެވެ. އަދި އެ އުނދަގޫތަކަށް ހަައްލެއް ހޯދުމަށް މެދުނުކެނޑި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމަށެވެ.
"ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން،" ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރާއްޖެ-އިންޑިއާ ގުޅުން މި ސަރުކާރާއެކު ވަރަށް ބޮޑަށް ބަދަހިވިނަމަވެސް ވިސާގެ ކަންކަމުގައި ލުއިދޭން އެ ގައުމުން އެއްގޮތަކަށްވެސް ނުވިސްނައެވެ. އިންޑިއާ އިން ދެކޭ ގޮތުގައި އެ ގައުމަށް ބޭހަށް ދާ ދިވެހިންނަށް ވިސާ ހޯދުން އޮތީ އެހާ ދަތި ގޮތަކަށް ނޫނެވެ. އެ މޭރުމުން ދާދި ފަހުން ސަފީރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ.