ހަބަރު

ސާކަށް އާ ސެކްރެޓަރީ ޖެނަރަލެއް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރާއްޖެ ވެސް ހިމެނޭ ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަންކުރީ ބަންގްލަދޭޝްގެ ގޯލަމް ސަރްވަރު އެވެ.

ހާރިޖީ ދާއިރާގެ ތަޖުރިބާ ބޮޑު ބޭފުޅެއް ކަމަށްވާ ގޯލަމް ވަނީ ބަންގްލަދޭޝް އިން މެލޭޝިއާ، ސްވިޑަން އަދި އޮމާނަށް އައްޔަންކުރި ސަފީރުގެ މަގާމު ފުރުއްވާފަ އެވެ.

ސާކްގެ އެންމެ ފަހުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވީ ސްރީލަންކާގެ އެސާލާ ރުވަން ވީރަކޫން އެވެ.

ސާކްގެ އާ ސެކްރެޓަރީ ޖެނަރަލަށް މަރުހަބާ ވިދާޅުވެ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސާކްގެ މަގުސަދުތައް ޙާސިލުކުރުމަށްޓަކައި ގޯލަމްއާއި ގުޅިގެން ރާއްޖެ އިން މަސައްކަތް ކުރާނެ ކަމަށެވެ.

ސާކްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު މީގެކުރިން ދެ ދިވެހިން ވެސް ކުރައްވާފައިވެ އެވެ. ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދާއި ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހްމަދު ސަލީމް (ނަންރީތި ސަލީމް) އެވެ.

ރާއްޖެ ވަރަށް މުހިއްމު ދައުރެއް އަދާކޮށްގެން ސާކް ވުޖޫދަށް ގެނައީ 1985 ވަނަ އަަހަރު އެވެ.