ބަންގްލަދޭޝް

ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ރާއްޖެއިން ބައިވެރި ވެއްޖެ

ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފި އެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު، ބަންގްލަދޭޝް އަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ބަންގަބަންދު ޝެއިހް މުޖީބުއްރަހުމާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރައްވާފައު ވެއެވެ.

މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ވެސް މިނިސްތަރު ފާހަގަ ކުރައްވާފައި ވެއެވެ. އަދި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް ފާހަގަ ކުރެއްވި އެވެ.

ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއި ފޮރިން ސެކްރެޓަރީ އަބްދުގަފޫރު މުހައްމަދު އާއި އެމްބެސެޑާ އެޓް ލާޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހިސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.